އައިއެސް އެނބުރި އަންނަން ފުރުސަތެއް ނުދޭނަން: ތުރުކީ

އިސްތަންބޫލް (އޮކްޓޯބަރު 7) - އިސްލާމިކް ސްޓޭޓް (އައިއެސް) އެއްވެސް ގޮތަކަށް ދެން އެނބުރި އައުމުގެ ފުރުސަތު ނުދޭނެ ކަމަށް ތުރުކީގެ ރައީސްގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.


"އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ތުރުކީން ދެމިއޮންނާނެ. އައިއެސް އެނބުރި އަންނަން އެއްވެސް ފުރުސަތެއް ނުދެވޭނެ،" ތަރުޖަމާން އިބްރާހިމް ކާލިން ވިދާޅުވި އެވެ.

ތުރުކީން މިހެން ބުނި އިރު ސީރިއާ ބޯޑަރު ސަރަހައްދުގައި ތިބި އެމެރިކާ ސިފައިން ވަނީ ފައިބަން ފަށައިފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ ސީރިއާގައި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށ ތުރުކީން އޮޕަރޭޝަނެއް ފަށާއިރު އެ ސަރަހައްދުގައި އެ ގައުމުގެ ސިފައިން ނުތިބޭނެ ކަމަށެވެ.

ކުރުދީން ހިމެނޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނެފައި ވަނީ އެމެރިކާ ސިފައިން އެ ސަރަހައްދުން ފައިބައިފި ނަމަ އައިއެސްގެ ހަރަކާތްތައް އަލުން ފަށައިފާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ތުރުކީން ބުނެފައި ވަނީ ސީރިއާގެ އުތުރުގައި ގާއިމްކުރާ "ރައްކާތެރި ޒޯން"ގެ ސަބަބުން ސީރިއާގެ ދެ މިލިއަން މީހުން އެނބުރި ގައުމަށް ދިއުމަށް މަގުފަހިވާނެ ކަމަށެވެ. އަނެއް ބޭނުމެއް ކަމަށް ތުރުކީން ބުނީ ޓެރަރިސްޓުން އެ ސަރަހައްދާ ދުރުކުރުން ކަމަށެވެ.

ތުރުކީގައި ސީރިއާގެ 3.6 މިލިއަން ރެފިއުޖީން ދިރިއުޅެ އެވެ.