ފަތުވާ އަށް ގޮންޖަހާ އީރާނުގެ އަންހެނުން ބައިސްކަލް ދުއްވަނީ

ތެހެރާން (ސެޕްޓެމްބަރު 22) - އަންހެނުން އާއްމު ތަންތަނުގައި ބައިސްކަލް ދުއްވުން މަނާ ކަމަށް އީރާނުގެ ރޫހީ ލީޑަރު ނެރުއްވާފައިވާ ފަތުވާ އަށް ގޮންޖަހާ އެ ގައުމުގެ އަންހެނުން ސައިކަލާއި ބައިސްކަލް ދުއްވަން ނުކުމެއްޖެ އެވެ.


ރޫހީ ލީޑަރު އަލީ ޚާމަނާއީ ވިދާޅުވެފައި ވަނީ ނުދަންނަ މީހުން ތެރޭ ބައިސްކަލް ދުއްވުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

މި މައްސަލަ އީރާނުގައި ފެންމަތިވެފައި ވަނީ އަންގާރަ ދުވަސްތަކުގައި ކާރު ދުއްވުމުގެ ބަދަލުގައި ބައިސްކަލް ދުއްވާ ދުވަހެއްގެ ގޮތުގައި ހެދުމަށް ތިމާވެއްޓަށް މަސައްކަތް ކުރާ ބަޔަކު މި އަހަރު ކުރީކޮޅު ކެމްޕޭނެއް ފެށުމާ ގުޅިގެންނެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރަން އަންހެނުން ބައިސްކަލުގައި އުޅޭތާން ފެނުމުން އީރާނުގެ ދީނީ އިލްމުވެރިންގެ ހިތްހަމަނުޖެހުން ވަނީ އަމާޒުވާން ފަށައިފަ އެވެ.

އީރާނުގެ ރޫހީ ލީޑަރުގެ ފަތުވާ އަށް ގޮންޖަހާ އަންހެނުން ބައިސްްކަލް ދުއްވަނީ.

އެކަމަކު އީރާނުގެ އަންހެނުން މިހާރު ވަނީ ބައިސްކަލް ދުއްވަން ހިތްވަރު ދިނުމަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށައިފަ އެވެ. އީރާނުގެ އަންހެނަކާއި އޭނާގެ ދަރިފުޅު ބައިސްކަލް ދުއްވާ ވީޑިއޯ ފޭސްބުކްގައި ހޯމަ ދުވަހު ޕޯސްޓްކުރި ފަހުން 98،000 މީހުން އެ ވީޑިއޯ ބަލާފައިވެ އެވެ. ބައިސްކަލް ދުއްވަން ހިތްވަރު ދޭ މީހުން ބުނަނީ 21 ވަނަ ގަރުނުގައި މިފަދަ ނާތަހުޒީބު ފަތުވާއެއް ނެރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

"އީރާނުގައި އަންހެނުން ބައިސްކަލް ދުއްވައިގެން ހައްޔަރު ކުރުމަކީ 2016 ވަނަ އަހަރު ގަބޫލް ކުރެވޭނެ ކަމެއް ނޫން. ބައިސްކަލް ދުއްވާ އަންހެނުންނަށް ދޭނެ އަދަބެއް އީރާނުގެ ގާނޫނުލް އުގޫބާތުގައި ވެސް ނޯވޭ،" އީރާނުގެ އަންހެނުން ބައިސްކަލް ދުއްވަން ބާރު އަޅާ ކެމްޕޭން ހިންގާ މާސިހު އަލީ ނިޖާދު ބުންޏެވެ.

އީރާނުގެ އަންހެނުން ބުނަނީ 21 ވަނަ ގަރުނުގައި ބައިސްކަލް ދުއްވުން މަނާ ނުކުރެވޭނެ ކަމަށް.

އެމެރިކާގައި ދިރިއުޅޭ މާސިހު ބުނީ އީރާނުގެ އަންހެނުން ވެސް މުޖްތަމައުގައި ހަރަކާތްތެރިވާން އެބަޖެހޭ ކަމަށާއި އެކަމަށް އޮތް ހުރަހަކީ އީރާނުގެ ދީނީ އިލްމުވެރިން ކަމަށެވެ. އަދި އެ މީހުންގެ ނަޒަރުގައި އަންހެނުންނަކީ ބަދީގޭގައި ތިބެން ޖެހޭ ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ބައިސްކަލް ދުއްވުމަކީ އީރާނުގެ އަންހެނުންނަށް ލިބިގެންވާ ހައްގެއް. އަންހެނުންނަށް ވެސް ބަދަލު ގެނެވޭނެ. ހައްގު ހޯދަން މަސައްކަތް ކުރުމުން ހައްގު ލިބޭނެ،" އޭނާ ބުންޏެވެ.