ފިލިޕީންސްގެ ރައީސް ވަރުގަދަ ހަމަލާތަކެއް އީޔޫ އަށް

މެނީލާ (ސެޕްޓެމްބަރު 23) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.


ފިލިޕީންސްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ދެކޮޅަށް އީޔޫ އިން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ޑުޓާޓެ ވިދާޅުވީ އީޔޫ އަކީ ވަރަށް ދެފުށް ދެގޮތް ޖަމާއަތެއް ކަމަށާއި ކުރީގެ އިސްތިއުމާރީ ބާރުތައް ކަމަށްވާ ފްރާންސާއި އިނގިރޭސި ވިލާތުން މަސައްކަތް ކުރަމުން ދަނީ އެ މީހުން ހިންގާފައިވާ ޖަރީމާތައް ފޮރުވަން ކަމަށެވެ.

ފިލިޕީންސްގެ ވެރިކަމާ ޖޫން 30 ގައި ޑުޓާޓެ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ 3،000 މީހުން މަރައިފަ އެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވިޔަފާރި ކުރާ މީހުން ހައްޔަރު ކުރަން އުޅޭ އިރު ގަދަ ދައްކާ ނަމަ ބަޑި ޖަހާ މަރަން ޑުޓާޓެ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. ޑުޓާޓެގެ މި ނިންމުން ބައިނަލްއަގުވާމީ ގޮތުން ދަނީ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ.

އީޔޫ ޕާލަމެންޓުން ބުނެފައި ވަނީ މީހުން މަރަން ފިލިޕީންސްގެ ފުލުހުން ހިންގާ އޮޕަރޭޝަނާ މެދު ކަންބޮޑުވާ ކަމަށެވެ. އީޔޫ ޕާލަމެންޓަށް ރައްދު ދެއްވާ ޑުޓާޓެ ވިދާޅުވީ އިސްތިއުމާރީ ދުވަސްވަރު ޔޫރަޕުން ވަނީ އެތައް ހާސް އަރަބިންނާއި އެހެން ގިނަ ބަޔަކު މަރާފައި ކަމަށެވެ.

ޑުޓާޓެ އަށް ފާޑު ވިދާޅުވެ ދުނިޔޭގެ އެހެން ލީޑަރުންނަށް ވެސް ކުރިން ވަނީ ވަރަށް ބޮޑަށް ރައްދު ދެއްވައިފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ވަނީ ވަރަށް ހުތުރު ބަހުން ރައްދު ދެއްވައިފަ އެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން އަކީ މޮޔައެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އުމުރުން 71 އަހަރުގެ ޑުޓާޓެ ވިދާޅުވެފައި ވަނީ ފިލިޕީންސްގައި މަސްތުވާތަކެތީގެ މައްސަލަ އޮތީ ކުރިން ހީކުރި ވަރަށް ވުރެ ބޮޑަށް ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމަ އިތުރު ހަ މަހަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.