ވިއްސާރައިގައި އިންޑިއާ އިން 1،600 މީހުން މަރުވެއްޖެ

ނިއު ދިއްލީ (އޮކްޓޯބަރު 6) - އިންޑިއާ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، މިދިޔަ ޖޫން މަހުން ފެށިގެން މިހާތަނަށް 1،600 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


އިންޑިއާގެ ވިއްސާރަ މޫސުން އާއްމުކޮށް ދިގުލައިގެން ދަނީ ޖޫން އިން ސެޕްޓެމްބަރަށެވެ. މިއީ ވޭތުވެދިޔަ 25 އަހަރަށް ބަލާއިރު ވެސް އެންމެ ބޮޑަށް ވިއްސާރަ ކުރި އަހަރު ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ބުނެ އެވެ. އަދި ވޭތުވެދިޔަ 50 އަހަރުގެ އެވްރެޖަށް ބަލާއިރު މި އަހަރު ވަނީ 10 ޕަސެންޓް އިތުރަށް ވާރޭ ވެހިފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ އުތުރުގެ އުއްތަރަ ޕްރަދޭޝް އާއި ބިހާރު ސްޓޭޓަށެވެ. ދެ މިލިއަން މީހުން ދިރިއުޅޭ ބިހާރުގެ ވެރިރަށް ޕަތުނާގެ ބައެއް ހިސާބުތަކުގައި ވަނީ އުނަގަނޑާ ހަމައަށް ފެންބޮޑުވެފަ އެވެ. ބިހާރުގެ ޑިޕިއުޓީ ޗީފް މިނިސްޓަރު ސުޝިލް މޯދީގެ ގޭގައި ފެންބޮޑުވުމުން އޭނާ ސަލާމަތް ކުރުމަށް މިދިޔަ ހޯމަ ދުވަހު ވަނީ ރެސްކިއު އޮފިޝަލުން އެހީވެދީފަ އެވެ.

އިންޑިއާގެ އެންމެ ބައިބޯ އުއްތަރަ ޕްރަދޭޝްގައި ފެންބޮޑުވެ 800 އަށް ވުރެ ގިނަ ގޭ ވަނީ ވެއްޓިފަ އެވެ. ގިނަ މީހުން މަރުވަނީ އިމާރާތްތައް ވެއްޓިގެންނެވެ.