ޗައިނާގެ މުސްލިމުންގެ ހިމާޔަތުގައި އެމެރިކާއިން ވިސާ ހަރުކަށިކޮށްފި

ޗައިނާގެ މުސްލިމުން އެންމެ ބޮޑަށް ނިސްބަވްތާ ދަރިކޮޅު ކަމަށްވާ ވީގޫރު މީިހުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތުކަމާ ހިޔާލު އަމަލްތަކުގެ ސަބަބުން، ޗައިނާގެ ބައެއް އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ލިބުން ހަރުކަށިކޮށްފި އެވެ.


އެމެރިކާ އިން އެގޮތަށް އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިދިއަ ހޯމަދުވަހު ވަނީ ޗައިނާގެ 28 އޮފިޝަލަކު، އެމެރިކާގެ ބްލެކް ލިސްޓްގައި ހިމަނައިފަ އެވެ. އޭގެ މާނައަކީ އެ މީހުންނަށް އެމެރިކާއަށް ދަތުރުކުރުމުގެ ވިސާ ނުލިބުމެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ މުސްލިމުން ގިނަ ޗައިނާގެ ޕްރޮވިންސް ކަމަށް ވާ ޝިންޖިއަންގައި ޗައިނާ އިން ގެންދަނީ ވަރަށް ހަރުކަށި އަދި އަޑު ކަނޑުވާލުމުގެ ކެމްޕޭނެއް ހިންގަމުން ކަމަށެވެ.

އަބަދުވެސް ޗައިނާ އިން ކަންތައް ކުރާ ގޮތަށް، އެމެރިކާ އާއި ބައިނަލްއަގުވާމީ ދުނިޔޭގެ އެ ތުހުމަތުތައް ދޮގުކުރެ އެވެ. ޗައިނާ އިން ބުނީ އެއީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

ޕޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ތުހުމަތުކުރައްވާފައި ވަނީ ޗައިނާގައި މުސްލިމުން ނިސްބަތްވާ އެންމެ ބޮޑު ތިން ދަރިކޮޅު ކަމަށް ވާ ވީގޫރާއި ކަޒަކްސް އަދި ކިރިގްޒް މީހުންނާ ދެކޮޅަށް އިންސާނިއްޔަތުކަމާ ހިލާފު އަމަލްތައް ޗައިނާ އިން ހިންގަމުން ގެންދާ ކަމަށެވެ.

މުސްލިމުންނާ ދެކޮޅަށް ޗައިނާ އިން ހިންގާ އަނިޔާވެރި ކަންކަމުގެ ތެރޭގައި އިސްލާހުކުރުމުގެ ނަމުގައި ވަކި ކޭމްޕްތަކެއްގައި މީހުން ބޭތިއްބުމާއި މުސްލިމުންގެ ސަގާފަތް ބަދަލުކުރަން އުޅުމާއި ދީނީ ހަރަކާތްތަކަށް ހުރަސް އެޅުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.

އެކަމަކު ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާ އިން އެ ދައްކާ "އިންސާނިއްޔަތާ ހިލާފު ކަންކަން" ޗައިނާ އިން ހިންގަމުން ނުގެންދާ ކަމަށެވެ.

"މިއީ ޗައިނާގެ އެތެރޭގެ ކަންކަމަށް ހުރަސް އެޅުން ފިޔަވާ ދެ ވަނަ އެހެން ކަމެއް ނޫން،" ޗައިނާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމެރިކާ އިން ވިސާ ދިނުން ހަރުކަށި ކުރި މީހުންގެ ތެރޭގައި ޗައިނާގެ ސަރުކާރާއި ކޮމިޔުނިސްޓް ޕާޓީގެ ބައެއް އޮފިޝަލުންނާއި އެ މީހުންގެ އާއިލާގެ މެމްބަރުން ހިމެނެ އެވެ.

އެމެރިކާ އިން ޗައިނާއަށް ގޮވާލީ ޝިންޖިއަންގައި ހިންގާ އިންސާނިއްޔަތާ ހިލާފު އަމަލްތައް ހުއްޓާލުމަށެވެ.