އަލްގައިދާގެ ދެކުނު އޭޝިއާގެ އިސް މީހާ މަރާލައިފި

އަލް-ގައިދާގެ ދެކުނު އޭޝިއާ ގޮފީގެ އިސް މީހާ މިދިއަ މަހު މަރާލާފައިވާ ކަމަށް، އަފްގާނިސްތާނުގެ ސިއްރު ފުލުހުން އިއްޔެ ބުނެފި އެވެ.


އެމެރިކާ އާއި އަފްގާނިސްތާން ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަރުވީ، އަލް-ގައިދާގެ ދެކުނު އޭޝިއާ ގޮފި ކަމަށްވާ އަލް-ގައިދާ އިން އިންޑިއަން ސަބްކޮންޓިނެންޓް (އަގިސް) ގެ ލީޑަރު އާސިމް އުމަރެވެ.

ހެލްމަންދު ޕްރޮވިންސްގައި ހިންގި ވަރުގަދަ މި އޮޕަރޭޝަންގައި އާސިމްގެ އިތުރުން، މަދުވެގެން އާންމުންގެ 40 މީހަކު ވެސް މަރުވި ކަމަށް، އަފްގާނިސްތާނުގެ ނެޝަނަލް ޑައިރެކްޓަރޭޓް އޮފް ސެކިއުރިޓީ (އެންޑީއެސް) އިން ބުންޏެވެ.

އެކަމަކު އެމެރިކާ އިން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެކޭ އަދި ނުބުނެ އެވެ. އަލް-ގައިދާ އިން ބުނީ އެއީ އޮޅުވާލައިގެން ފަތުރާ ޕްރޮޕެގަންޑާ ހަބަރެއް ކަމަށެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އެ އޮޕަރޭޝަންގައި ހަމައެކަނި މަރުވީ އާންމުންނެވެ.

އެންޑީއެސް އިން ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި ބުނީ އާސިމް މަރުވީ ތާލިބާނުންގެ ބާރު އޮންނަ ސަރަހައްދެއްގައި ހުރި އިމާރާތަކަށް ދިން ހަމަލާތަކެއްގައި ކަމަށެވެ. އޭރު އެތަނުގައި އާސިމްގެ އިތުރުން ވެސް އަގިސްގެ މެމްބަރުން ތިބި ކަމަށް ބަޔާނުގައިވެ އެވެ.

އެންޑީއެސް އިން ވަނީ އާސިމްގެ ގަބުރުގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އެކަމަކު އޮޕަރޭޝަންގެ ހުރިހާ ތަފުސީލެއް ނުދެ އެވެ.

އާސިމްއާ އެކު މަރާލި އެހެން މީހުންގެ ތެރޭގައި، އަލް-ގައިދާގެ މިހާރުގެ ވެރިޔާ އައިިމަން އަލް-ޒަވާހިރީ އާއި އާސިމާ ދެމެދު، މުވާސަލާތްކުރުމުގެ މެދުވެރިއެއްގެ ބައި ކުޅޭ ކަމަށް ބެލެވޭ އަބޫ ރައިހާން ވެސް ހިމެނޭ ކަމަށް، އަފްގާނިސްތާނުން ބުނެ އެވެ.

ތާލިބާނުންގެ އިމާރާތެއްގެ ތެރޭގައި އަލް-ގައިދާގެ ބަޔަކު ތިބުމުން ސުވާލުތަކެއް އުފެދެ އެވެ. ސަބަބަކީ، އެމެރިކާއާ އެކު ތާލިބާނުން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔައީ، އަލް-ގައިދާއާ ގުޅުން ކަނޑާލާނެކަމުގެ ޔަގީންކަން ވެސް ދެމުން ކަމަށް ވާތީ އެވެ. އެކަމަކު ސުލްހައިގެ ވާހަކަތައް މިހާރު ވަނީ މެދުކެނޑިފަ އެވެ.