އިނގިރޭސިން އީޔޫން ވަކިވުން ލަސްކުރަން ޕާލަމެންޓުގެ ނިންމުން އީޔޫ އަށް

ލަންޑަން (އޮކްޓޯބަރު 20) - އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމުގެ ތާރީޚު މި މަހު 31 އަށް ވުރެ ލަސްކުރަން ޕާލަމެންޓުން އިއްޔެ ފާސްކުރުމާ ގުޅިގެން، އެ ނިންމުން ބޮޑު ވަޒީރު ބޮރިސް ޖޯންސަން އީޔޫ އަށް ހުށަހަޅުއްވައިފި އެވެ.


ޕާލަމެންޓުގެ ވޯޓަށް ފަހު، ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކަށް ފޯނުން ގުޅުއްވައި ޖޯންސަން ވިދާޅުވީ މެންބަރުން އެދިވަޑައިގަތް ގޮތަށް، އިނގިރޭސިން އީޔޫ އިން ވަކިވުމުގެ މައްސަލަ ފަސް ކުރަން ރަސްމީކޮށް އީޔޫ އަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް މެންބަރުން އެދިވަޑައިގަތް ގޮތަށް ތިން މަސް ދުވަހަށް ލަސްކުރުމަށް ޖޯންސަން ފޮނުއްވި ސިޓީގައި ސޮއިކުރައްވައިފައެއް ނުވެ އެވެ. އޭނާގެ ސޮޔާ އެކު ފޮނުއްވި ދެ ވަނަ ސިޓީގައި ވިދާޅުވެފައި ވަނީ އޮކްޓޯބަރު 31 އަށް ވުރެ ލަސްކުރުމަކީ "ބޮޑު ގޯހެއް" ކަމަށެވެ.

އިނގިރޭސި ބޮޑު ވަޒީރުގެ ހުށަހަޅުމާ މެދު ގޮތެއް ނިންމުމަށް އީޔޫގެ ލީޑަރުންނާ އެކު ޓަސްކް މަޝްވަރާ ކުރައްވާނެ އެވެ.

ހައުސް އޮފް ކޮމަންސްގައި މެންބަރުން ހޮނިހިރު ދުވަހު ވޯޓުދީފައި ވަނީ އިނގިރޭސިން އީޔޫ އިން ވަކިވުމާ ގުޅޭ ގޮތުން ޖޯންސަން ގާއިމްކުރި އެއްބަސްވުމާ ދެކޮޅަށެވެ. ވޯޓު ނެގުން ކުރިއަށް ދިޔަ އިރު ޕާލަމެންޓުގެ ބޭރަށް އެތައް ހާސް ބަޔަކު ޖަމާވެ، ވަނީ އީޔޫ އިން ވަކިވުމާ މެދު ފެންނަ ނުފެންނަ އާ ވޯޓެއް ނެގުމަށް ގޮވާލައިފަ އެވެ.

މިއީ ފޯކްލޭންޑްސް ހަނގުރާމަ އަށް ފަހު 1982 ވަނަ އަހަރުގެ ފަހުން ހޮނިހިރު ދުވަހެއްގައި ޕާލަމެންޓް ބައްދަލު ކުރި ފުރަތަމަ ފަހަރެވެ.

ޕާލަމެންޓުގެ ބައްދަލުވުމުގައި ޖޯންސަން ވިދާޅުވީ އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަން އަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އޮކްޓޯބަރު 31 ގައި އީޔޫ އިން ވަކިވުމުން ކަމަށެވެ.

ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވިދާޅުވީ ބޮޑު ވަޒީރަށް ވެސް ޖެހޭނީ ގާނޫނުތަކަށް ތަބާވާން ކަމަށެވެ.

އިނގިރޭސިން އީޔޫ އިން ވަކިވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުން ފާސްކޮށްފައި ވަނީ ޖޫން 2016 ގަ އެވެ.