ޕެރިސް އެގްރީމެންޓުން ވަކިވާކަން އެމެރިކާ އިން އދ. އަށް އަންގައިފި

ވޮޝިންޓަން (ނޮވެމްބަރު 5) - ދުނިޔޭގެ ތިމާވެއްޓާ ބެހޭ ގޮތުން އެކުލަވާލި، ޕެރިސް އެގްރިމޭންޓުން އެމެރިކާ ވަކިވާކަން އދ. އަށް ރަސްމީކޮށް އަންގައިފި އެވެ.


ޕެރިސް އެގްރީމެންޓުގެ ދަށުން 188 ގައުމަކުން ވަނީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރަން އެއްބަސްވެފަ އެވެ. އެއްބަސްވުމުން އެމެރިކާ ވަކިވާތީ ބައެއް ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޗައިނާ އަދި ޖަޕާން ހިމެނެ އެވެ.

ޕެރިސް ތިމާވެށި އެއްބަސްވުމުން ވަކިވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ 2016 ވަނަ އަހަރުގެ އިންތިޚާބުގެ ވައުދެކެވެ. ޕެރިސް އެގްރީމެންޓުން ވަކިވާކަން އެމެރިކާ އިން ރަސްމީކޮށް އދ. އަށް އެންގުމުން އެ ޕްރޮސެސް ފަށާނީ އެއް އަހަރުގެ މުއްދަތަކަށް ފަހު އަންނަ އަހަރުގެ ނޮވެމްބަރު 4 ގެ ފަހުންނެވެ. އެހެންވެ ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުން ބިނާވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ޓްރަމްޕަށް ކާމިޔާބު ލިބިވަޑައިނުގެންފި ނަމަ، ދެން ވަޑައިގަންނަވާ ރައީސަކު ބޭނުންފުޅު ގޮތަކަށް ނިންމިދާނެ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ހޯމަ ދުވަހު ވިދާޅުވީ ޕެރިސް އެގްރީމެންޓުގެ ސަބަބުން އެމެރިކާ އަށް ވަނީ "ބޭއިންސާފް އިގްތިސާދީ ބުރައެއް" އުފުލަން ޖެހިފައި ކަމަށެވެ.

އެމެރިކާ އަކީ ދުނިޔެ އިން އެންމެ ގިނައިން ގްރީންހައުސް ގޭސް ބޭރު ކުރާ ގައުމެވެ.