ޔަމަނުގެ ހޫތީންނާ ސައުދީން މަޝްވަރާކުރާ ކަމަށް ބުނެފި

ރިޔާޒް (ނޮވެމްބަރު 6) - ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ހޫތީންނާ އެކު ސައުދީން މަޝްވަރާތައް ކުރަމުންދާ ކަމަށް ސައުދީ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.


ހޫތީންނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ސައުދީން ބުނިއިރު ޔަމަން ސަރުކާރާއި އެ ގައުމުގެ ދެކުނުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ޔަމަނީ ސަދަން ޓްރާންސިޝަނަލް ކައުންސިލާ އެކު ވަނީ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.

"ހޫތީންނާ އެކު 2016 ވަނަ އަހަރުން ފެށިގެން ވަނީ ހުޅުވިފައިވާ ޗެނަލެއް ގާއިމްކޮށްފައި. ޔަމަނުގައި ސުލްހަ ގާއިމްކުރުމަށް މަޝްވަރާތައް ދަނީ ކުރިއަށް،" ސައުދީގެ ސީނިއާ އޮފިޝަލަކު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. "ހޫތީންނާ އެކު މަޝްވަރާގެ ދޮރެއް އަދި ބަންދެއް ނުވޭ."

ނަން ހާމަކުރަން ނޭދޭ ސައުދީ އޮފިޝަލް މި މޭރުމުން ވާހަކަ ދެއްކެވި އިރު ހޫތީން ވަނީ ސައުދީގެ ސިޓީތަކަށް ޑްރޯން ހަމަލާތަކެއް މީގެ ދުވަސްކޮޅެއް ކުރިން ދީފަ އެވެ. ސައުދީ އޮފިޝަލްގެ ވާހަކަތަކާ ގުޅިގެން ހޫތީން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ނިއާ އީސްޓަން އެފެއާޒް ޑޭވިޑް ޝެންކާ މިދިޔަ ސެޕްޓެމްބަރު މަހު މެދުއިރުމައްޗަށް ކުރެއްވި ދަތުރެއްގައި ވަނީ ހޫތީންނާ އެކު ވޮޝިންޓަނުން ވެސް މަޝްވަރާ ކުރާ ކަމަށް ވިދާޅުވެފަ އެވެ.

ޔަމަނުގެ ވެރިރަށް ސަންއާ ހޫތީން ހިފުމުން ރައީސް އަބްދުއްރައްބޫ މަންސޫރު ހާދީ ވަނީ ސައުދީ އަށް ވަޑައިގެންފަ އެވެ. ސައުދީ ކޯލީޝަނުން ހޫތީންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން ފަށާފައި ވަނީ މާޗް 2015 ގަ އެވެ.