ޔުކްރޭން މައްސަލައިން ސަލާމަތްކޮށްދޭން އެޓާނީ ޖެނެރަލް އަރިހުން ނޭދެން: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 8) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައިގެން ސިޔާސީ ވާދަވެރިއަކަށް ޕްރެޝަރު ކުރެއްވި މައްސަލައިން ސަލާމަތްކޮށްދިނުމަށް ޖަސްޓިސް ޑިޕާޓްމަންޓުގައި އެދިފައި ނުވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ މީޑިއާތަކުން ބުނެފައި ވަނީ ޔޫކްރޭނުގެ ރައީސް އަށް ކުރެއްވި ފޯން ކޯލުގައި ގާނޫނާ ޚިލާފުވެފައި ނުވާ ކަމަށް ވިދާޅުވެ ދެއްވުމަށް އެޓާނީ ޖެނެރަލް ވިލިއަމް ބާގެ އަރިހުން ޓްރަމްޕް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ބާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައި ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލައެއް ތަހުގީގުކޮށްދޭން އެދިވަޑައިގަތް މައްސަލާގައި ކޮންގްރެސް އިން މިހާރު ވަނީ ޓްރަމްޕުގެ އިމްޕީޗްމަންޓް ފަށައިފަ އެވެ. ބައިޑަން ވަނީ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުންނެވުމަށް ނިންމަވައިފަ އެވެ.

ޓްރަމްޕް ގެންދަވަނީ ޔޫކްރޭނުގެ ރައީސް އަށް ކުރެއްވި ފޯން ކޯލްގައި ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

"ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ވަނީ އެއީ ރަނގަޅު ކޯލެއް ކަމަށް ނިންމާފައި،" ބުރާސްފަތި ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް ތަހުގީގުގައި އާއްމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް މި ހަފުތާގައި ބާއްވާނެ އެވެ. ފުރަތަމަ ހާޒިރުކުރާނީ ޔުކްރޭނަށް ކަނޑައަޅާފައި ހުރި އެމެރިކާގެ ވަގުތީ ސަފީރު ބިލް ޓޭލާ އެވެ.

އިމްޕީޗްމަންޓް މަރުހަލާތައް ކުރިއަށްދާނީ ކިހިނެއް؟

ޓްރަމްޕުގެ މައްސަލަ ބަލާ ހައުސްގެ ހަ ކޮމިޓީގެ ހުށަހެޅުންތައް ޖުޑިޝަރީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ. ޓްރަމްޕް ގޯހުން ކަމެއް ކުރައްވާފައިވާ ކަމުގެ ހެކި ސާބިތު ކުރެވިއްޖެ ނަމަ އިމްޕީޗްމަންޓް ވޯޓު ހައުސްގައި ނަގާނެ އެވެ. އިމްޕީޗްމަންޓް ފާސްކުރަން ބޭނުން ވަނީ ސިމްޕަލް މެޖޯރިޓީ ކަމަށްވާ 51 ޕަސެންޓެވެ. އެ އަދަދަށް ވޯޓު ލިބިއްޖެ ނަމަ ޓްރަމްޕް އިމްޕީޗް ކުރުމަށް ފަހު ސެނެޓުން މައްސަލަ ތަހުގީގު ކުރާނެ އެވެ. އެއަށް ފަހު ޓްރަމްޕް ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ސެނެޓުގައި ވޯޓު ނަގާނެ އެވެ. ސެނެޓުން ފާސްވާނީ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ނުވަތަ 67 ޕަސެންޓުންނެވެ. އެ އަދަދަށް ވޯޓު ލިބިއްޖެ ނަމަ ޓްރަމްޕް މަގާމުން ދުރުކޮށް ނައިބް ރައީސް ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.