ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން ހުކުމްކޮށްފި

ނިއު ދިއްލީ (ނޮވެމްބަރު 9) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ އަޔޯދިއާގެ ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


އިންޑިއާގެ އެންމެ މަތީ ކޯޓުގެ މި ހުކުމާ އެކު، ހިންދޫން ބޭނުންވި ގޮތަށް، 16 ވަނަ ގަރުނުގެ ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅި އެޅުމުގެ ފުރުސަތު ފަހިވެގެން ދިޔައީ އެވެ. އަދި ކޯޓުގެ ހުކުމަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެކެވެ.

ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި މުސްލިމުން މިސްކިތެއް އެޅުމަށް އަޔޯދިޔާގެ އެހެން ސަރަހައްދަކުން ފަސް އޭކަރުގެ ބިމެއް ދޭން ޖެހޭނެ އެވެ.

ހިންދޫންގެ ގިނަ މީހުން ގަބޫލް ކުރަނީ މިސްކިތް ހުރި ބިމަކީ އެ މީހުންގެ ކަލާނގެއެއް ކަމަށްވާ ލޯޑް ރާމް އުފަންވި ތަނެވެ. މުސްލިމުން ބުނަމުން ދަނީ ބާބްރީ މިސްކިތުގައި އެ މީހުން ނަމާދުކުރަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ.

ހަރުކަށި ހިންދޫން ނުކުމެ ބާބްރީ މިސްކިތުން 1992 ވަނަ އަހަރު ތަޅާލުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި ވަނީ 2،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ކޯޓުން ބުނެފައިވާ ގޮތުގައި ބާބްރީ މިސްކިތް ތަޅާލީ ގާނޫނާ ޚިލާފަށެވެ.

މުސްލިމުން ބުނަމުން ދަނީ ޑިސެމްބަރު 1949 އާ ހަމައަށް އެ މީހުން އެ މިސްކިތުގައި ނަމާދު ކުރަމުން ދިޔަ ކަމަށެވެ. އޭގެ ފަހުން ހިންދޫން ވަނީ އެ މިސްކިތުގައި ބުދެއް ބަހައްޓައި އަޅުކަން ކުރަން ފަށައިފަ އެވެ.