ފަލަސްތީނުގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ތެލް އަވީވް (ނޮވެމްބަރު 12) - އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާ މިއަދު ޝަހީދުކޮށްލައިފި އެވެ.


އަތާ، 42، ދިރިއުޅޭ ގެއަށް އިޒްރޭލުން ދިން މިސައިލް ހަމަލާގައި އޭނާގެ އަންހެނުން ވެސް ޝަހީދުވި ކަމަށް އިސްލާމިކް ޖިހާދުން ބުންޏެވެ.

އިޒްރޭލުން ބުނެފައި ވަނީ އަބޫ އަލް އަތާ ދިޔައީ "ޓެރަރިސްޓް ހަމަލާއެއް" ދޭން ތައްޔާރުވަމުން ކަމަށެވެ.

ފަލަސްތީނުން ބުނެފައި ވަނީ ގާޒާ ސިޓީގެ އިމާރާތެއްގެ ތިން ވަނަ ބުރީގައި ހުންނަ އަތާގެ އެޕާޓްމަންޓަށް އިޒްރޭލުން މިސައިލް ހަމަލާ ދިނީ އެ މީހުން ނިދަން ތިއްބައި ކަމަށެވެ. އެ ހަމަލާގައި އިތުރު ބަޔަކު ޒަޚަމްވި ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުންޏެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލަށް ދިން ވަރަށް ގިނަ ރޮކެޓް ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އަބޫ އަލް އަތާ ކަމަށެވެ.

އިސްލާމިކް ޖިހާދުގެ ލީޑަރު ޚާލިދު އަލް ބަތުޝް ވިދާޅުވީ އަބޫ އަލް އަތާ ޝަހީދުކޮށްލުމުގެ އަގު އިޒްރޭލުން އަދާކުރަން ޖެހޭނެ ކަމަށެވެ.

އިސްލާމިކް ޖިހާދުގެ ވާދަވެރި ހަމާސް ޖަމާއަތުން ވެސް ވަނީ އިޒްރޭލުގެ ހަމަލާ ކުށްވެރިކޮށްފަ އެވެ.