ދެން އޮންނަ ބަހުސެއްގައި ހިލަރީ އަށް މާވަރުގަދަ އަށް ހަމަލާދޭނަން: ޓްރަމްޕް

ނިއު ޔޯކް (ސެޕްޓެމްބަރު 28) - ދެން އޮންނަ ރިޔާސީ ބަހުސެއްގައި އިދިކޮޅު ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް މާވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ޓްރަމްޕް ވިދާޅުވީ ނިމިގެން ދިޔަ ބަހުސްގައި އޭނާ ކުޑަކޮށް މައިތިރިވެލީ އެހެން މީހުންގެ އިހްސާސްތަކަށް ވެސް ބެލުމަށް ކަމަށެވެ. ބަހުސް އަށް ފަހު ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބަހުސް މޮޑަރޭޓް ކުރި އެންބީސީގެ ޕްރެޒެންޓާ ލެސްޓާ ހޮލްޓް ހުރީ ހިލަރީ ކޮޅަށް ޖެހިފައި ކަމަށެވެ.

ބަހުސް އަށް ފަހު ހިލަރީ އާއި ފިރިކަލުން އަދި ކުރީގެ ރައީސް ބިލް ކްލިންޓަން. --ފޮޓޯ:އޭއެފްޕީ

"ބަހުސް ދިޔައީ ރަނގަޅަށް. އެކަމަކު ހިލަރީގެ ހުރި މައްސަލަތަކާ ގުޅޭ ގޮތުން މޮޑަރޭޓަރު ސުވާލުތައް ކުރިމަތިކޮށްފައެއް ނުވޭ. ހިލަރީގެ އީމެއިލްތަކާ ގުޅޭ ގޮތުން، ހިލަރީގެ ހުރި މައްސަލަތާ ގުޅޭ ގޮތުން، ބެންގާޒީގެ ޑީލްއާ ބެހޭ ގޮތުން މޮޑަރޭޓަރު ހިލަރީއާ ސުވާލެއް ނުކުރޭ. އެއީ ކީއްވެ ކަމެއް ނޭނގޭ،" ބަހުސް ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ފޮކްސް ނިއުސް އިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ރައީސް ބިލް ކްލިންޓަން "ހިންގެވި ކަންތައް ގަނޑުގެ" ވާހަކަ ދައްކަފާނެ ކަމަށް ހިތަށް އެރި ކަމަށާއި އެކަމަކު އެ ވާހަކަ ނުދެއްކީ ހިލަރީ އާއި ކްލިންޓަންގެ ދަރިކަލުން ޗެލްސީ އޯޑިއެންސްގައި އިންނެވުމުން ކަމަށެވެ.

ކުރީގެ ރައީސް ބިލް ކްލިންޓަނާއި ދަރިކަލުން ޗެލްސީ އެމެރިކާގެ ރިޔާސީ ބަހުސް އަޑު އައްސަވަނީ. --ފޮޓޯ:އޭއެފްޕީ

"އެކަމަކު ދެން ފަހަރަކުން ހިލަރީ އަށް ވަރުގަދަ ހަމަލާތަކެއް ދޭނަން. މިފަހަރު ކުޑަކޮށް މައިތިރިވެލީ އެހެން މީހުންގެ އިހްސާސްތަކަށް ބަލާލުމަށް ފަހު،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ މައިކްރޯފޯނުގެ އަޑުވެސް ރަނގަޅު ނޫން ކަމަށާއި ހިލަރީ އަށް ވުރެ އޭނާގެ މައިކްރޯފޯނުގެ ވޮލިއުމް ދަށްކޮށްފައިވާ ކަމަށެވެ.

ރިޔާސީ ބަހުސް އަށް ފަހު ހިލަރީ އާއި ޓްރަމްޕް ސަލާމް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިމިގެން ދިޔަ ބަހުސްގައި ވެސް ވަނީ އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ޒާތީ ހަމަލާތައް ދެއްވައިފަ އެވެ. ހިލަރީ ވަނީ އިދިކޮޅު ކެންޑިޑޭޓަކީ ޓްވީޓަކުން ވެސް ރުޅި އަރުވާލެވޭނެ ފަދަ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކަށް އެމެރިކާގެ ނިއުކްލިއާ ކޯޑް ހަވާލު ކުރަން ހެޔޮވެސް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ ހިލަރީ އަކީ ރައީސްކަން ކުރެއްވޭހާ ހިތްވަރާއި ބުންވަރު ހުރި ބޭކަނބަލެއް ނޫން ކަމަށެވެ. ޓްރަމްޕްގެ ޓެކްސް ބަޔާން އާއްމު ނުކުރާ މައްސަލަ ހިލަރީ ނެންގެވުމުން ރައްދުގައި ޓްރަމްޕް ވަނީ ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި އިރު އަމިއްލަ ސާވާ އިން ބޭނުންކޮށް ޑިލީޓްކުރި 33،000 އީމެއިލް އާއްމު ކުރުމުން އޭނާގެ ޓެކްސް ބަޔާން ވެސް އާއްމު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ ބަހުސްގައި ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް ބަހުގެ ހަމަލާތައް ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

ރިޔާސީ ކެންޑިޑޭޓުންގެ ދެ ވަނަ ބަހުސް އޮންނާނީ އަންނަ މަހު 9 ވަނަ ދުވަހު އެވެ. އަދި ތިން ވަނަ ބަހުސް އޮންނާނީ އަންނަ މަހު 19 ގަ އެވެ. އޭގެ ކުރިން އަންނަ މަހު 4 ގައި ނައިބް ރައީސުންގެ ބަހުސް އޮންނާނެ އެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ