ގާޒާ އަށް ދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ގާޒާ (ނޮވެމްބަރު 14) - ގާޒާ އަށް އިޒްރޭލް ސިފައިން ދިން އުދުވާނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް މިސްރުގެ އޮފިޝަލުންނާއި އިސްލާމިކް ޖިހާދުގެ އިސް ފަރާތްތަކުން ބުނެފި އެވެ.


ގާޒާގައި ދެ ދުވަސްވަންދެން ބަދަލުކުރި ވަރުގަދަ ހަމަލާތަކަށް ފަހު، އެއްބަސްވުމަކަށް އައިސްފައި ވަނީ މިސްރުން ކުރި މަސައްކަތުން ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އައިއިރު ފަލަސްތީނުގެ 34 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ހަމަލާތައް ފަށާފައި ވަނީ އިސްލާމިކް ޖިހާދަށް ނިސްބަތްވާ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާ އިޒްރޭލުގެ މިސައިލް ހަމަލާއެއްގައި ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އިޒްރޭލުގެ 63 މީހަކު ޒަޚަމްވެފައިވާ ކަމަށްވެ އެވެ.

ގާޒާ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި އަބޫ މަލްހޫސް އާއިލާގެ އަށް މެންބަރުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް ވިދާޅުވީ ގާޒާ އިން ދޭ ރޮކެޓް ހަމަލާތައް ހުއްޓާލައިފި ނަމަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލުން ވެސް އިހްތިރާމް ކުރާނެ ކަމަށެވެ.