ރަނިލް މަގާމުން ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ

ކޮލަމްބޯ (ނޮވެމްބަރު 20) - ކޮއްކޯފުޅު ގޯޓާބޭ ރާޖަޕަކްސާ އަށް ރައީސްކަން ލިބިވަޑައިގަތުމާ އެކު ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ފައްޓަވައިފި އެވެ.


ރާޖަޕަކްސާ ވިދާޅުވީ ސަރުކާރު ރަނގަޅަށް ހިނގައިގަންނާނީ ރައީސް އާއި ކެބިނެޓަކީ އެއް ޕާޓީއެއްގެ ބަޔަކަށް ވެގެން ކަމަށެވެ.

ރާޖަޕަކްސާގެ 74 ވަނަ އުފަން ދުވަހުގެ ހަފުލާ އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެންމެ ރަނގަޅު ގޮތަކަށް ވާނީ ވީހާވެސް އަވަހަކަށް އާއްމު އިންތިޚާބު ބޭއްވުން ކަމަށެވެ.

"ކެބިނެޓުގެ ވަރަށް ގިނަ ވަޒީރުން މިހާރު ވެސް ވަނީ އިސްތިއުފާދީފައި،" ލަންކާގައި 2005-2015 އަށް ވެރިކަން ކުރެއްވި ރައީސް ވިދާޅުވި އެވެ.

ރާޖަޕަކްސާ ވިދާޅުވީ ވޯޓު ފޮށިން ރައްޔިތުން ނިންމި ނިންމުމަށް ސިޔާސީ ފަރާތްތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

ސްރީ ލަންކާގެ ހަތް ވަނަ ރައީސްގެ ގޮތުގައި ގޯޓާބޭ ވަނީ ހޯމަ ދުވަހު ހުވާ ކުރައްވައިފަ އެވެ. އުމުރުން 70 އަހަރުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ވިިދާޅުވެފައި ވަނީ ވެރިކަން ލިބިއްޖެ ނަމަ ބޮޑު ވަޒީރުކަން ދެއްވާނީ ބޭބޭފުޅު ރާޖަޕަކްސާ އަށް ކަމަށެވެ.

ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ އަހަރު ފަހުކޮޅު ވަނީ ރަނިލް މަގާމުން ދުރުކޮށް ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ. ނަމަވެސް ރަނިލް އިސްތިއުފާ ދެއްވަން ދެކޮޅު ހެއްދެވުމުން އުފެދުނު ސިޔާސީ މައްސަލަގަނޑު ހައްލު ކުރީ ސުޕްރީމް ކޯޓުންނެވެ. އެ ކޯޓުން ނިންމީ ސިރިސޭނާގެ ނިންމެވުން ސައްހަ ނޫން ކަމަށެވެ.

ގޯޓާބޭ ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން ޕާލަމެންޓް އުވާލަން، އަޣުލަބިއްޔަ އޮތް ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޕާލަމެންޓަރީ ގްރޫޕުން އެއްބަސްވެފައި ކަމަށް ޕާޓީން ވަނީ ބުނެފަ އެވެ. ނަމަވެސް ރަނިލް ވަނީ އެސްއެލްޕީޕީގެ ލީޑަރު ރާޖަޕަކްސާ އާއި ރައީސް ގޯޓާބޭއާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ރަނިލް މިއަދު ވެސް އިސްތިއުފާ ދެއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމެންޓް އުވާލެވޭނީ ހިނގަމުންދާ ފަސް އަހަރުގެ ދައުރުން ހަތަރު އަހަރާއި ބައި ފާއިތުވުމަށް ފަހު އެވެ. ލަންކާ ޕާލަމެންޓުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެހެންވެ އެންމެ އަވަހަށް ވެސް ޕާލަމެންޓް އުވާލެވޭނީ ފެބްރުއަރީ މަހު އެވެ. އެހެން ނަމަވެސް އޭގެ ކުރިން ޕާލަމެންޓް އުވާލަން ބޭނުން ނަމަ އެކަން ކުރެވޭނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެގޮތަށް ފާސް ކުރުމުންނެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އާ ރައީސަކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޕާލަމެންޓުގެ ދައުރު ނިމެންދެން ބޮޑު ވަޒީރުކަމުގެ މަގާމުގައި ރަނިލް އަށް ދެމިހުންނެވޭނެ އެވެ.