ސާކް ސަމިޓުގައި ބައިވެރިނުވާން ބަންގްލަދޭޝް އިން ވެސް ނިންމައިފި

ޑާކާ (ސެޕްޓެމްބަރު 28) - ޕާކިސްތާނުގައި ނޮވެމްބަރު މަހު އޮންނަ 19 ވަނަ ސާކް ސަމިޓުގައި ބައިވެރިނުވާން ބަންގްލަދޭޝް އިން ވެސް މިއަދު ނިންމައިފި އެވެ.


ސަރަހައްދީ އަށް ގައުމު ހިމެނޭ ބައްދަލުވުމުގައި ބަންގްލަދޭޝް އިން ބައިވެރިނުވާން ނިންމީ އިންޑިއާ އިން ސަމިޓް ބޮއިކޮޓްކުރިތާ އެއް ދުވަސް ފަހުންނެވެ.

ބަންގްލަދޭޝްގެ ޖޫނިއާ ފޮރިން މިނިސްޓަރު ޝަހުރިއާރު އާލަމް އޭއެފްޕީ އަށް ޓެކްސްޓް މެސެޖަކުން މިއަދު ޔަގީންކޮށްދެއްވި ގޮތުގައި އިސްލާމްއާބާދުގައި ބާއްވާ ސާކް ސަމިޓުގައި ބަންގްލަދޭޝް އިން ބައިވެރިއެއް ނުވާނެ އެވެ.

ބަންގްލަދޭޝް އިން ސަމިޓުގައި ބައިވެރި ނުވާން ނިންމި ސަބަބެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ބަންގްލަދޭޝްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއް ގައުމަކުން ވަންނަމުންދާތީ ކަމަށެވެ. އަދި ބޫޓާނާއި އަފްޣާނިސްތާނުން ވެސް ސަމިޓުގައި ބައިވެރިނުވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ.

ސަރަހައްދީ ބައްދަލުވުން އިންޑިއާ އިން ބޮއިކޮޓްކުރީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން ބަހުގެ ހަމަލާތައް ރައްދު ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އިންޑިއާ އިން ބުނީ ސާކް ސަމިޓުގައި އެ ގައުމުން ބައިވެރިވާފަދަ ފަހި މާހައުލެއް ނެތް ކަމަށެވެ. ކަޝްމީރުގެ އުރީގައި އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ހަމަލާދީ 18 ސިފައިން މަރައިލި ހާދިސާގެ ތުހުމަތު ނިއު ދިއްލީން އަޅުވާފައި ވަނީ އިސްލާމްއާބާދުގެ ބޮލުގަ އެވެ. އަދި އިންޑިއާ އިން ތަކްރާރުކޮށް ވަނީ ޕާކިސްތާން އެކެހެރި ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ އުރީގައި ހަމަލާ ދިން މީހުންނަށް އަދަބު ނުލިބި ނުދާނެ ކަމަށް ވިދާޅުވެފަ އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވަނީ ޖައްމޫ އަދި ކަޝްމީރު ދާއިމަށް އޮންނާނީ އިންޑިއާގެ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.