"ބޮޑު ހަނގުރާމަ" ފެއިލްކޮށްލެވިއްޖެ: އީރާން

ތެހެރާން (ނޮވެމްބަރު 24) - ތެލުގެ އަގު ބޮޑުވެގެން ކަމަށް ބުނެ އީރާނުގައި ކުރި މުޒާހަރާތަކަކީ އެ ގައުމާ ދެކޮޅަށް ފެށި "ބޮޑު ހަނގުރާމައެއް" ކަމަށާއި އެކަން ފެއިލްކޮށްލެވިއްޖެ ކަމަށް ތެހެރާނުން ބުނެފި އެވެ.


ޕެޓްރޯލްގެ އަގު 200 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން އީރާނުގައި މުޒާހަރާތައް ފެށީ މި މަހު 15 ވަނަ ދުވަހު އެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މުޒާހަރާތަކުގައި އިސްކޮށް އުޅުނު 100 އަށް ވުރެ ގިނަ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގައި ހިމެނޭ ބަސީޖް ލަޝްކަރުގެ ޑެޕިއުޓީ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް ސަލާރު އަބްނޫޝް ވިދާޅުވީ އެ މުޒާހަރާތަކުގެ ފަހަތުގައި ވަނީ އެމެރިކާ އާއި ސައުދީ އަރަބިއާ އަދި އިޒްރޭލް ކަމަށް ތަހުގީގުތަކުން އެނގޭ ކަމަށެވެ.

މުޒާހަރާތަކުގައި މަރުވެފައި ވަނީ ފަސް މީހުން ކަމަށް އީރާނުން ބުނެ އެވެ. ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.

މުޒާހަރާތަކާ ގުޅިގެން އީރާނުން މިހާރު ވަނީ އިންޓަނެޓް ކަނޑާލައިފަ އެވެ. ބައެއް ހިސާބުތަކަށް އިންޓަނެޓް ދިން ނަމަވެސް ފުލް ކަވަރޭޖް ދޭނެ ދުވަހެއް ނޭނގޭ ކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު ޖަވާދު އަޒާރީ ޖަހްރޫމީ ވަނީ ވިދާޅުވެފަ އެވެ. އެމެރިކާ އިން މިހާރު ވަނީ އީރާނުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރާ ދެކޮޅަށް ދަތިިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.