ހަމަނުޖެހުމުގެ ފަހަތުގައި ތިބި "ކުލީ ސިފައިންނަށް" ހަރުކަށި އަދަބު ދޭނަން: އީރާން

ތެހެރާން (ނޮވެމްބަރު 25) - ތެލުގެ އަގު ބޮޑު ކުރުމާ ގުޅިގެން އީރާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި "ކުލީ ސިފައިންނަށް" ވަރަށް ހަރުކަށި އަދަބު ދޭނެ ކަމަށް އީރާނުން ބުނެފި އެވެ.


އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ޑިޕިއުޓީ ކޮމާންޑަަރު ރިއާ އެޑްމިރަލް އަލީ ފަދަވީ ވިދާޅުވީ އެމެރިކާ އެދޭ ގޮތަށް ކަންކުރި ކުލީ ސިފައިންގެ ބޮޑުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ކޯޓުތަކަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

ހަމަނުޖެހުންތަކުގެ ފަހަތުގައި، އިސް ލީޑަރުންގެ ގޮތުގައި ތިބި ކަމަށް ބެލެވޭ 180 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ނިއުސް އެޖެންސީތަކުން ބުނެފައިވެ އެވެ.

އީރާނުން ބުނެފައި ވަނީ އެ ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފައި ވަނީ އެމެރިކާ، ސައުދީ އަރަބިއާ އަދި އިޒްރޭލާ ގުޅުން އޮތް ބައެއް ކަމަށެވެ.

"މުސްލިމް ނޫން ގައުމެއް އީރާން ވަށައިގެން ނެތް. އެކަމަކު އެ މީހުން އެކަން ކުރީ އިސްލީ ވަންތަކަމާއި އަވަށްތެރިކަމާ ވެސް ޚިލާފަށް. އެ މީހުން ކުރި ވިޔާނުދާ ކަންތަކާ އެއްވަރުގެ ބަދަލެއް ދޭނަން،" ފަދަވީ ވިދާޅުވި އެވެ.

ޕެޓްރޯލްގެ އަގު 50 ޕަސެންޓް ބޮޑުކުރުމާ ގުޅިގެން މި މަހު 15 ވަނަ ދުވަހު އީރާނުގައި ފެށި މުޒާހަރާތަކުގައި ބޭންކްތަކާއި ފިހާރަތަކާ އަދި ޕެޓްރޯލް ސްޓޭޝަންތަކުގައި ވަނީ އަލިފާން ޖަހައިފަ އެވެ. ހަމަނުޖެހުންތައް 100 އަށް ވުރެ ގިނަ ސިޓީ އަށް ފެތުރިގެން ދިޔަ އިރު ފަހުން ވަނީ ސިޔާސީ މުޒާހަރާތަކަށް ބަދަލުވެ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާ އަށް ގޮވަން ފަށައިފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އީރާނުގެ ސަލާމަތީ ފަރާތްތަކުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އީރާނުން ބުނެފައި ވަނީ ހަމަނުޖެހުންތަކުގައި މަރުވީ ފަސް މީހުން ކަމަށެވެ. އެކަމަކު އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައި ވަނީ 106 މީހުން މަރުވެފައިވާ ކަމަށެވެ. އީރާނުން ބުނެފައި ވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވި ހާހަކަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނިއު ޔޯކުގައި ހިންގާ "ސެންޓަ ފޯ ހިއުމަން ރައިޓްސް އިން އީރާން" ބުނީ 2،500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.