އިމްރާން ޚާން މަގާމުން ދުރުކުރަން ކޯޓަށް ޕެޓިޝަނެއް

ލާހޯރު (ނޮވެމްބަރު 25) - ސިޔާސީ ވާދަވެރިޔާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ބޭހަށް ގައުމުން ބޭރަށް ފޮނުވި މައްސަލާގައި ކޯޓުތަކާ ދެކޮޅަށް ބޮޑު ވަޒީރު އިމްރާން ޚާން ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އޭނާ މަގާމުން ދުރުކުރަން ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.


ޖުޑިޝަރީގެ އަގު ވައްޓާލި ކަމަށް ބުނެ އިމްރާން ޚާންއާ ދެކޮޅަށް ލާހޯރު ހައި ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ޕާކިސްތާން ރައްޔިތެއް ކަމަށްވާ ތޯހިރު މައްސޫދެވެ. ޕެޓިޝަނުގައި އޭނާ ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިމްރާން ޚާން ފާޑުވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމަށް އޭނާ ބުނެފައިވެ އެވެ. ކޯޓުގެ ހުރުމަތް ކަނޑައިގެން 2013 ވަނަ އަހަރު އިމްރާން ޚާންއާ ދެކޮޅަށް ސުޕްރީމް ކޯޓުން ނޯޓިސް ނެރެފައިވާކަން ޕެޓިޝަނުގައި ތޯހިރު މައްސޫދު ފާހަގަކޮށްފައިވެ އެވެ.

ކޯޓުތަކަށް ފާޑުކިޔައިގެން ޕީއެމްއެލް-އެންގެ ލީޑަރުން ކުށްވެރިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު އިމްރާން ޚާން ހާޒިރުކޮށް އޭނާގެ މައްސަލަ ބަލައި މަގާމުން ދުރުކޮށް، އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

އިތުރު ފަރުވާ އަށް ނަވާޒް ޝަރީފު ގައުމުން ބޭރަށް ފޮނުވުމުގައި 700 މިލިއަން ރުޕީސްގެ ބޮންޑެއް ބެހެއްޓުމަށް ސަރުކާރުން ނިންމި ނިންމުން ބާތިލް ކުރުމުން ލާހޯރު ހައި ކޯޓަށް އިމްރާން ޚާން ދާދި ފަހުން ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ޖުޑިޝަރީގެ އަގު ހިފެހެއްޓުމަށް އުއްތަމަ ފަނޑިޔާރުގެ އަރިހުން ވަނީ އެދިވަޑައިގެންފަ އެވެ. އުއްތަމަ ފަނޑިޔާރު ވަނީ، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ވާހަކަތައް ނުދެއްކުމަށް އިމްރާން ޚާން އަށް ގޮވާލައްވައިފަ އެވެ.

ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ ނަވާޒް ޝަރީފުގެ ހާލު ވަރަށް ބޮޑަށް ދަށަށް ދިއުމުން އެއާ އެމްބިއުލެންސެއްގައި ލަންޑަނަށް ގެންދިޔައީ މި މަހު 19 ވަނަ ދުވަހު އެވެ.

އިމްރާން ޚާން ވަނީ ނަވާޒް ޝަރީފުގެ މެޑިކަލް ރިޕޯޓްތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އޭނާ ވިދާޅުވީ އެއާ އެމްބިއުލަންސްގެ ސިޑިން ނަވާޒް ޝަރީފް އަރާ މަންޒަރު ފެނިވަޑައިގަތުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.

"ނަވާޒް ޝަރީފުގެ މެޑިކަލް ރިޕޯޓްތަކުގައި 15 ބައްޔެއް ފާހަގަކޮށްފައިވޭ. އޭގެ ތެރޭގައި ހިތުގެ މައްސަލަތައް ވެސް ހިމެނޭ. އަޅުގަނޑު ހިތަށް އަރާ ލަންޑަނަށް ފުރާ ބޯޓު ފެނުމުން ނަވާޒް ޝަރީފުގެ ސިއްހީ ހާލަތު ރަނގަޅުވީބާވައޭ،" އިމްރާން ޚާން ވިދާޅުވި އެވެ.

ނަވާޒް ޝަރީފުގެ ޕީއެމްއެލް-އެން އިން ބުނެފައި ވަނީ އިމްރާން ޚާންގެ އެ ވާހަކަތަކާ ގުޅިގެން އިމްރާން ޚާނަކީ ގައުމު ހިންގަން ނަފްސާނީ ގޮތުން ފިޓް މީހެއް ނޫންކަން އެނގިއްޖެ ކަމަށެވެ.