އައިއެސްއާ ގުޅުނު އަންހެން މީހާ ގައުމަށް ދިއުމުން ހައްޔަރުކޮށްފި

ޑަބްލިން (ޑިސެމްބަރު 2) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމަށް ދިޔަ އަޔަލެންޑުގެ އަންހެނަކު އޭނާ އެނބުރި ގައުމަށް ދިއުމާ އެކު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.


ލީސާ ސްމިތާއި އޭނާގެ އަންހެން ދަރިފުޅު އާދިއްތަ ދުވަހު ޑަބްލިން އަށް ދިޔައީ ތުރުކީން ޑިޕޯޓްކޮށްލުމުންނެވެ. އެއާޕޯޓުން ހައްޔަރުކޮށް ފުލުހުން ވަނީ، އޭނާ ޓެރަރިސްޓް ހަރަކާތަކާ ގުޅިފައިވާތީ ސުވާލު ކުރަން ފަށާފައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. ލީސާގެ ދެ އަހަރުގެ ދަރިފުޅު ބެލެހެއްޓުމާ ސަރުކާރުން ވަނީ ހަވާލުވެފަ އެވެ. އެ ކުއްޖާ އުފަންވެފައި ވަނީ ސީރިއާގަ އެވެ. ލީސާ އާއި އޭނާގެ ދަރިފުޅު ދިރިއުޅެމުން ދިޔައީ ސީރިއާގެ ރެފިއުޖީ ކޭމްޕެއްގަ އެވެ.

އަޔަލެންޑުގެ ޖަސްޓިސް މިނިސްޓަރު ޗާލީ ފްލެނަގަން ވިދާޅުވީ މިއީ ވަރަށް ނާޒުކް މައްސަލައެއް ކަމަށާއި އެކަމުގައި ސަރުކާރުގެ ހުރިހާ އެޖެންސީތަކެއް ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ލީސާ އަކީ ކުރިން އައިރިޝް ޑިފެންސް ފޯސްގެ މެންބަރެކެވެ. އޭނާ ބުނެފައި ވަނީ އައިއެސްއާ ގުޅިގެން ހަނގުރާމަކޮށްފައި ނުވާނެ ކަމަށާ އަދި ހަނގުރާމަ އަށް އަންހެން ކުދިން ތަމްރީނުކޮށްފައި ވެސް ނުވާނެ ކަމަށެވެ.