ކޮޕް25: 25،000 މަންދޫބުންނާ އެކު ތިމާވެށީގެ ސަމިޓް ފަށައިފި

މެޑްރިޑް (ޑިސެމްބަރު 2) - ދެ ހަފުތާ އަށް ދިގުދެމިގެންދާ އދ.ގެ ތިމާވެށީގެ ސަމިޓް، 25،000 މަންދޫބުންނާ އެކު ސްޕޭނުގެ ވެރިރަށް މެޑްރިޑްގައި މިއަދު ފަށައިފި އެވެ.


ކޮޕް25 ގެ ސަމިޓް ހުޅުއްވައިދެއްވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ކުރިއަށް އޮތް ދިހަ އަހަރު ނިމޭއިރު ދުނިޔެ އޮންނާނީ ދެ ހާލަތުން ކުރެ އެއް ހާލަތެއްގައި ކަމަށެވެ. އެއީ އަތުނުވާނެ ވަރަށް ދުނިޔޭގެ ތިމާވެށީގެ ހާލަތު ގޯސްވުން ނުވަތަ ކާބަން ނިއުޓްރަލް ހާލަތެއްގައި ދުނިޔެ އޮތުން ކަމަށެވެ.

"ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މިހާރަށް ވުރެ އިތުރަށް މަސައްކަތް ކޮށްދިނުމަށް ޒުވާނުން ދަނީ ގޮވާލަމުން. އެ މީހުންނަށް އެނގޭ ދުނިޔެ މިއަދު އޮންނަން ޖެހޭނީ ރަނގަޅު މަގުގައިކަން. މާދަމާއެއް ނޫން. ކޮޕް25 އަކީ އެކަމަށް ހުޅުވިފައިވާ ފުރުސަތެއް،" ގުޓަރޭޒް ވިދާޅުވި އެވެ.

އިންޓަގަވަރްމެންޓަލް ޕެނަލް އޮން ޕްލައިމޭޓް ޗޭންޖް (އައިޕީސީސީ) ގެ ޗެއާ ހޮއެސަން ލީ ވިދާޅުވީ ކާބަންޑައި އޮކްސައިޑް މިހާރުން ފެށިގެން ވެސް މަދުކުރެވިއްޖެ ނަމަ މުޖތަމައުގެ ހުރިހާ ދިމާއަކަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"އެކަން ނުކުރެވިއްޖެ ނަމަ ދެން ދިމާވާނީ އޭގެ އިދިކޮޅު،" އޭނާ ވިދާޅުވި އެވެ.

ކޮޕް 25 ސަމިޓް ބާއްވާ ގޮތަށް ކުރިން ހަމަޖެއްސީ ޗިލީގަ އެވެ. ނަމަވެސް އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެންމެ ފަހު ވަގުތު ސްޕޭނަށް ބަދަލުކުރީ އެވެ. ނަމަވެސް ސަމިޓުގެ ރިޔާސަތު ބަލަހައްޓަނީ ސައުތު އެމެރިކާގެ ގައުމުންނެވެ.

ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގެ ވެރިން ސަމިޓުގައި ބައިވެރިވާނެ އެވެ. ނަމަވެސް އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނިވަޑައިނުގަންނަވަ އެވެ. ޓްރަމްޕް ވަނީ ޕެރިސް ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވާނެކަން އިއުލާންކުރައްވައިފަ އެވެ.