ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އިންތިޚާބުގެ ނަތީޖާ 8 ފަހަރު ދިމާކޮށްފައިވާ ޕްރޮފެސަރަކު ވިދާޅުވެއްޖެ

ވޮޝިންޓަން (ސެޕްޓެމްބަރު 29) - އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ވެރިކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅަކުކަން ނޭނގުނު ނަމަވެސް އެ ސުވާލުގެ ޖަވާބު އެނގޭ ކަމަށް ވޮޝިންޓަނުގެ އެމެރިކަން ޔުނިވާސިޓީގެ ޕްރޮފެސަރު އެލަން ލިޗްމަން ވިދާޅުވެއްޖެ އެވެ.


ޕްރޮފެސަރު ވިދާޅުވީ އޭނާގެ ފޯމިއުލާ ބޭނުންކޮށްގެން ވޭތުވެދިޔަ 30 އަހަރު އެމެރިކާގައި ބޭއްވި އަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ ދިމާކޮށްފައިވާ ކަމަށެވެ. އޭނާގެ ފޯމިއުލާ އަށް ބިނާކޮށް ލިޗްމަން ވިދާޅުވަނީ މި ފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.

ލިޗްމަންގެ ފޯމިއުލާ ބިނާކޮށްފައި ވަނީ 13 ކަމެއްގެ މައްޗަށެވެ. އޭނާގެ ފޯމިއުލާގައި ހިމެނޭ ކަންކަމުގެ ތެރޭން ވެރިކަމުގައި އޮންނަ ޕާޓީއާ ދެކޮޅަށް ހަ ކަމެއް ނުވަތަ އެއަށް ވުރެ ގިނަ ކަންތައް ދިމާވެއްޖެ އެ ޕާޓީއަކަށް އިންތިޚާބު ގެއްލޭނެ އެވެ. އޭގެ ތެރޭގައި ހައުސް އާއި ސެނެޓުގެ އަޣުލަބިއްޔަތު ވެރިކަން ކުރާ ޕާޓީ އަށް ނެތުމާއި ވެރިކަމުގައި ހުރި ރައީސް އިންތިޚާބުގައި ވާދަ ނުކުރުމާއި ތިން ވަނަ ކެންޑިޑޭޓެއް ނުކުތުމާ އަދި ހިލަރީ އަކީ ފްރޭންކްލިން ޑީ ރޫޒްވެލްޓް ނުވަތަ ޖޯން އެފް ކެނެޑީ ފަދަ ވަރުގަދަ ކެންޑިޑޭޓަކަށް ނުވުން ހިމެނެ އެވެ. މި ފޯމިއުލާ އަށް ބަލާއިރު ޑިމޮކްރެޓިކް ޕާޓީއާ ދެކޮޅަށް ހަ އަކަށް ވުރެ ގިނަ ކަންތައް ވަނީ ދިމާވެފަ އެވެ.

އެމެރިކަން ޔުނިވާސިޓީގެ ޕްރޮފެސަރު އެލަން ލިޗްމަން ފޮކްސް ނިއުސް އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ:ވޮޝިންޓަން ޕޯސްޓް

އެހެންކަމުން ލިޗްމަން ވިދާޅުވަނީ އޭނާގެ ފޯމިއުލާ އަށް ބަލާއިރު ނަތީޖާ ބުރަވަނީ ޓްރަމްޕް ކޮޅަށް ކަމަށެވެ. އެކަމަކު ލިޗްމަން ގަބޫލް ކުރައްވަނީ ގައުމު ހިންގުމުގެ ގާބިލްކަން ހުރީ ހިލަރީގެ ކިބައިގައި ކަމަށާއި ޓްރަމްޕާ މެދު ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ.

އެމެރިކަން ޔުނިވާސިޓީގެ ހިސްޓްރީ ޕްރޮފެސަރު ވިދާޅުވީ އޭނާގެ ފޯމިއުލާ ތައްޔާރުކުރީ އެމެރިކާގައި 1860 އިން 1980އާ ހަމައަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގެ ނަތީޖާ އަށް ބެލުމަށް ފަހު ކަމަށެވެ. މި ގޮތުން 1984 އިން 2012 ވަނަ އަހަރާ ހަމައަށް އެމެރިކާގައި ބޭއްވި ހުރިހާ އިންތިޚާބެއްގެ ނަތީޖާ މި ފޯމިއުލާ ބޭނުންކޮށްގެން އޭނާ ދިމާކޮށްފައިވާ ކަަމަށް ވިދާޅުވި އެވެ. މި ފަހަރުގެ އިންތިޚާބުގެ ނަތީޖާ ހަދަން އުނދަގޫވި ކަމަށާއި އެއީ ޑޮނަލްޑް ޓްރަމްޕް ފަދަ ކެންޑިޑޭޓަކު މީގެ ކުރިން ދިމާވެފައި ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ ތާރީޚުގެ ހުކުމް ޓްރަމްޕް ކޮޅަށް ބުރަވި ނަމަވެސް މި ފަހަރުގެ ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނުކުމެދާނެ ކަމަަށް ލިޗްމަން ގަބޫލް ކުރައްވަ އެވެ.