ހަމަލާ ދިނީ ޕާކިސްތާން ނަސްލުގެ މީހެއް ކަމަށް ބުނުމުން ޑޯން ނޫހާ ދެކޮޅަށް މުޒާހަރާކޮށްފި

އިސްލާމްއާބާދު (ޑިސެމްބަރު 5) - ލަންޑަން ބްރިޖުގައި މިދިޔަ ހުކުރު ދުވަހު ވަޅިން ހަމަލާދީ ދެ މީހަކު މަރާލީ ޕާކިސްތާން ނަސްލުގެ މީހެއް ކަމަށް އެ ގައުމުގެ "ޑޯން" ނޫހުން ބުނުމުން އެ ނޫހުގެ އޮފީހުގެ ބޭރުގައި މުޒާހަރާކޮށްފި އެވެ.


އިސްލާމްއާބާދުގައި ހުންނަ ޑޯން ނޫހުގެ އޮފީސް ބޭރުގައި މިދިޔަ ހޯމަ ދުވަހު ވަނީ ތިން ގަޑިއިރުވަންދެން މުޒާހަރާކޮށް ސްޓާފުން ހިސާރުކޮށްފަ އެވެ. ކޮން ބައެއްކަން ނޭނގޭ ބަޔަކު ވަނީ ނޫހުގެ އޮފީހަށް ސްޓާފުން ވަނުމާއި ނުކުތުން ވެސް މަނާކޮށްފަ އެވެ. އެ މީހުން ޑިމާންޑް ކުރަމުން ދިޔައީ ނޫހުން މައާފަށް އެދި ލިޔުމެއް ދިނުމަށެވެ.

އިހްތިޖާޖްކުރާ މީހުން އިމާރާތުގެ އެތެރެއަށް ނުވެދެވޭނެ ގޮތަށް ސެކިއުރިޓީ ގާޑުން ވަނީ ގޭޓުތައް ތަޅުލައިފަ އެވެ. ނޫހާ ދެކޮޅަށް ކުރި އިހްތިޖާޖް ނިންމާލީ ފުލުހުންގެ އިސް އޮފިސަރުން ގޮސް މަޝްވަރާކޮށްގެންނެވެ.

ނޫހާ ދެކޮޅަށް ކުރި މުޒާހަރާ، ޕާކިސްތާނުގެ ސިޔާސީ ޕާޓީތަކުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އަދި ނޫސްވެރިންނާ ގުޅޭ ޖަމާއަތްތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

ލަންޑަން ބްރިޖްގައި ވަޅި ހަރައި ދެ މީހަކު މަރާލީ ކުރީގެ ޓެރަރިސްޓެއް ކަމަށްވާ އުސްމާން ހާން، 28، ކިޔާ މީހެކެވެ. ލަންޑަން ސްޓޮކް އެކްސްޗޭންޖް ގޮއްވާލަން 2012 ގައި ރޭވިކަމުގެ ކުށް ސާބިތުވެ، ޖަލަށް ލި އުސްމާންގެ 16 އަހަރުގެ ޖަލު ހުކުމުގެ މުއްދަތުގެ ދެ ބައި ކުޅަ އެއް ބައި ހަމަކުރުމުން އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ލަންޑަންގައި ވަޅިން ހަމަލާދީ ދެ މީހަކު މަރާލި އުސާމާ ހާން: އޭނާގެ މައްޗަށް ކުރިން އޮތީ 16 އަހަރުގެ ހުކުމެއް އައިސްފައި

ޑޯން ނޫހުން ބުނެފައި ވަނީ އުސްމާން އުފަންވީ ލަންޑަނުގައި ނަމަވެސް އޭނާ އަކީ ޕާކިސްތާން ދަރިކޮޅުގެ މީހެއް ކަމަށެވެ.

ލަންޑަން ބްރިޖް ހަމަލާ އަށް ފަހު ފުލުހުން ބަޑިޖަހައި އުސްމާން ވަނީ މަރާލައިފަ އެވެ.