އިނގިރޭސި ވިލާތުގެ އިންތިޚާބު ކޮންޒަވެޓިވް ޕާޓީ އަށް

ލަންޑަން (ޑިސެމްބަރު 13) - އިނގިރޭސި ވިލާތުގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބު ކޮންޒަވެޓިވް ޕާޓީން ކާމިޔާބުކޮށްފި އެވެ.


ރަސްމީ ނަތީޖާތައް ދައްކާ ގޮތުން ޕާލަމެންޓުގެ ދަށުގެ، ހައުސް އޮފް ކޮމަންސްގެ 650 ގޮނޑީގެ ތެރޭން ކޮންޒަވެޓިވް ޕާޓީން ވަނީ 362 ގޮނޑި މިއަދު ހެނދުނާ ހަމައަށް ކާމިޔާބުކޮށްފަ އެވެ. އެހެންވެ ޕާލަމެންޓުގެ މެޖޯރިޓީ ވަނީ ކޮންޒަވެޓިވުންނަށް ލިބިފަ އެވެ. ވާދަވެރި ލޭބަ ޕާޓީ އަށް ލިބުނީ 203 ގޮނޑި އެވެ. މިއީ 1935 ވަނަ އަހަރުގެ ފަހުން ލޭބާ ޕާޓީ އަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ވޯޓުލާފައި ވަނީ 67 ޕަސެންޓް މީހުންނެވެ.

ލޭބާ ޕާޓީގެ ނާކާމިޔާބީއާ އެކު ޕާޓީގެ ލީޑަރު ޖެރެމީ ކޯބީން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ޕާލަމެންޓް މެންބަރެއްގެ ގޮތުގައި 10 ވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންނެވި ކޯބީން، 70، ވަނީ އެއީ ޕާޓީ އަށް ލިބުނު ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ކޮންޒަވެޓިވް ޕާޓީ އަށް ލިބުނު ކާމިޔާބީ އަކީ އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް އެންމެ ބޮޑަށް ކެމްޕޭން ކުރައްވާ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަށް ވެސް ލިބިވަޑައިގަތް ބޮޑު ކާމިޔާބީއެކެވެ. ޖޯންސަން މަސައްކަތް ކުރައްވަނީ ޖެނުއަރީ 31 ގެ ކުރިން އީޔޫ އިން ވަކިވުމަށެވެ.

ޕާޓީ އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ޖޯންސަން ވިދާޅުވީ ބްރެކްސިޓް ފުރިހަމަ ކުރުމަށް ރައްޔިތުން ވަނީ ވަރުގަދަ މޭންޑޭޓެއް ދީފައި ކަމަށެވެ.

"ހަމައެކަނި ބްރެކްސިޓް ފުރިހަމަ ކުރުމެއް ނޫން. ގައުމު އެކަތިގަނޑަކަށް ހަދައި ކުރިއަށް ދިއުމަށް ވެސް ލިބުނު ފުރުސަތެއް މިއީ،" ލަންޑަނުގެ މޭޔަރު ކަމާާއި ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ޖޯންސަން ވިދާޅުވި އެވެ.