ރޭޕް މައުލޫއު، އިންޑިއާގައި ސިޔާސީ ފަައިދާއެއްގެ ގޮތުގައި؟

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ "ރޭޕް"، މި ލަފުޒު ބޭނުންކުރެއްވި ގޮތުން ސިޔާސީ ބޮޑު ހިޔާލު ތަފާތުވުމަކަށް ގޮސް، މިދިއަ ހުކުރުދުވަހު އިންޑިއާގެ ޕާލިމެންޓްގެ ޖަލްސާ އެތައް ފަހަރަކު ހުއްޓާލަން ޖެހިއްޖެ އެވެ.


އިންޑިއާ ސަރުކާރު ނިސްބަތްވާ ބީޖޭޕީގެ މެމްބަރުން ގޮވާލައްވަމުން ގެންދެވީ ބުރާސްދަތިދުވަހު އޮތް އާންމު އެއްވުމެއްގައި ރާހުލް ވިދާޅުވި ވާހަކައަށް މައާފަށް އެދިވަޑައިގަތުމަށެވެ. އެކަމަކު ރާހުލް ވިދާޅުވަނީ މައާފަށް އެދިވަޑައިނުގަންނަވާނެ ކަމަށެވެ.

ރޭޕްގެ ވާހަކަ އަކީ މިހާރު އިންޑިއާގައި އާންމު މައުލޫއެއްގެ އިތުރުން އިންޑިއާއަށް ދުނިޔޭގެ ލޯ، ނުބައި ގޮތަކަށް ހުއްޓުމުގެ އަސްލެކެވެ.

މިދިއަ މަހު ހައިދުރައާބާދުގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށް، އޭނާ މަރާލައި އަދި އަންދާލައިފައި އޮއްވާ ވަނީ ފެނިފަ އެވެ. އެ އަނިޔާވެރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ފިރިހެނަކު، އަންހެންމީހާގެ އަނދާފައިވާ ހަށިގަނޑު އޮތް ތަނަށް ގެންގޮސް ތަހުގީގުގެ މަރުހަލާއެއް ކުރިއަށް ދަނިކޮށް ހިނގި ހާދިސާއެއްގައި ފުލުހުން ވަނީ އެ އެންމެން މަރާލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި ބަޑީގެ ހަމަލާ ފެށުނީ ފުލުހުންގެ އަތުގައި ހުރި ހަތިޔާރު އަތުލަން އެ މީހުން އުޅެގަތުމުންނެވެ.

މިދިއަ ހުކުރުދުވަހު އިންޑިއާގެ ޕާލިމެންޓްގައި ބަހުސް ހޫނުވީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ބީޖޭޕީ ސަރުކާރުން ފެށި އެއް މަސައްކަތް ކަމަށް ވާ "މޭކް އިން އިންޑިއާ" ކެމްޕޭނަށް ނިސްބަތްކުރައްވާ "ރޭޕް އިން އިންޑިއާ" އޭ ރާހުލް ވިދާޅުވުމުންނެވެ.

އަންހެނުންނާ ދެކޮޅަށް އިންޑިއާގައި ހިންގާ އިއްފަތްތެރިކަން ފޭރިގަތުމުގެ އަމަލްތަކުގެ މައުލޫއުގައި ވާހަކަ ދައްކަވަމުން އެ އެއްވުމުގައި ރާހުލް ވިދާޅުވީ މޭކް އިން އިންޑިއާއާ ބެހޭ ގޮތުން ބޮޑުވަޒީރު ވާހަކަ ދައްކަވާ އިރު، "މިހާރު ބަލައިލި ކޮންމެ ދިމާއަކުން ފެންނާނީ ރޭޕް އިން އިންޑިއާ" ކަމަށެވެ.

ރާހުލްގެ ވާހަކަ އަކީ އިންޑިއާއަށް ކުރެއްވި މަލާމާތެއް ކަމަށް ބީޖޭޕީގެ މެމްބަރުން ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އަންހެނުންނާ ދެކޮޅަށް ހިންގާ އެ ބާވަތުގެ އަމަލްތައް އިތުރުވެދާނެ ކަމަށް ވެސް ބީޖޭޕީގެ މެމްބަރުން ހިޔާލު ފާޅުކުރެއްވި އެވެ.

ހައިދުރައާބާދުގައި މިދިއަ މަހު ރޭޕްކޮށް މަރާލި އަަންހެންމީހާގެ އަނދާފައިވާ ހަށިގަނޑު ކައިރީގައި ފުލުހުން

އެކަމަކު ރާހުލް ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބީޖޭޕީ އޮތް އިރު މޯދީ ވެސް އެގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެގޮތުން ކޮންގްރެސްގެ ވެރިކަމުގައި 2013 ގައި ނިއު ދިއްލީގައި ހިންގި ރޭޕްގެ ބޮޑު މައްސަލައަކަށް ނިސްބަތްކުރައްވާ މޯދީ ދެއްކެވި ވާހަކަ، ރާާހުލް، މިސާލެއްގެ ގޮތުގައި ނެންގެވި އެވެ.

ރާާހުލް ވިދާޅުވީ ނިއު ދިއްލީގެ ހާދިސާއާ ގުޅުވައިގެން މޯދީ ވަނީ "ދިއްލީ އަކީ ރޭޕް ކެޕިޓަލް"ގެ ގޮތުގައި ސިފަކުރައްވާފައި ކަމަށެވެ.

ބީޖޭޕީގެ މެމްބަރުން ޕާލިމެންޓް ކުރިއަށް ގެންދަން ހުރަސް އަޅުއްވަނީ، ކޮންމެހެން އޭނާ ވިދާޅުވި ވާހަކައާ ގުޅިގެން ނޫން ކަމަށާއި އެ މެމްބަރުންގެ އަސްލު މަގުސަދަކީ އިގުތިސާދު ވެއްޓުމާއި ސިޓިޒަންޝިޕް އެމެންޑްމެންޓް ބިލް (ސީއެމްބީ) ގެ ސަބަބުން ގައުމުގައި އުފެދިގެން އުޅޭ ބޮޑު ހައިޖާނުގަނޑުން މީހުންގެ ސަމާލުކަން އަނބުރާލައްވަން ކަމަށް ރާހުލް ވިދާޅުވި އެވެ.

އެ ބިލް ބުނާ ގޮތުން ބަންގްލަދޭޝް އާއި އަފްގާނިސްތާނާއި ޕާކިސްތާނުން އިންޑިއާއަށް ހިޖުރަކުރާ މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭނެ އެވެ.

މިއީ މުސްލިމުންނާ ދެކޮޅަށް ބީޖޭޕީ ސަރުކާރުން ހިންގާ ނުބައި ތަފާތުކުރުމެއް ކަމަށް، މުސްލިމުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ބިލާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި މިހާރު އެތައް މުޒާހަަރާއެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. ބައެއް ސަރަހައްދުތަކަށް ސިފައިން ނެރުމުގެ އިތުރުން، ކާފިއު ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ރާހުލް ވިދާޅުވި ގޮތުގައި އަންހެނުންނާ ދެކޮޅަށް މި ފަހުން ހިންގި ނުބައި އެތައް އަމަލެއް ހިންގި އިރު އެކަމާ މެދު ބޮޑުވަޒީރު މޯދީ ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

ހައިދުރައާބާދުގައި އަންހެނަކު ރޭޕްކޮށް މަރާލުމުގެ އިތުރުން އޭގެ ފަހުން، ރޭޕްގެ އަނިޔާ ލިބުނު އަންހެނަކު އޭނާގެ އިއްފަތްތެރިކަން ފޭރުނު މީހުންނާ ދެކޮޅަށް ހިންގާ ޝަރީއަތަށް ދަނިކޮށް، އެ މީހުން ވަނީ އޭނާގެ ގައިގައި އަލިފާން ރޯކޮށް މަރާލައިފަ އެވެ.

ބީޖޭޕީއަށް ނިސްބަތްވާ ޕާލިމެންޓް މެމްބަރަކާ ދެކޮޅަށް ހިންގާ ރޭޕް ޝަރީއަތެއްގެ ހުކުމް އިއްވުން މާދަމާ އޮންނާނެ އެވެ. އެކަމަކު އެ މައްސަލާގައި ހިމެނޭ އަންހެން މީހާ އާއި އޭނާގެ ދެ ބޮޑުދައިތަ އާއި ވަކީލް ދަތުރުކުރި ކާރު އެކްސިޑެންޓް ވުމުގެ ހާދިސާއާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މި އެކްސިޑެންޓްގައި ދެ ބޮޑުދައިތަ މަރުވުމުގެ އިތުރުން އޭނާ އާއި ވަކީލަށް ވަނީ އަނިޔާވެފަ އެވެ.

ރާހުލް ވިދާޅުވި ގޮގުގައި އެ މައްސަލާގައި މޯދީ އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. އަދި ހައިދުރައާބާދުގައި ހިންގި ކުށާ ގުޅިގެން ޕާލިމެންޓްގައި ބަހުސްކުރި ދުވަހުގެ ޖަލްސާއަށް ބޮޑުވަޒީރު ވަޑައިނުގަތުމުން ވެސް އެތައް ބަޔަކު ސުވާލު އުފެއްދި އެވެ.

އެކަމަކު އިދިކޮޅުގައި ހުންނެވި އިރު އޭރު މޯދީ ވަނީ އަންހެނުންގެ ހައްގުގައި ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކަވައިފަ އެވެ. ޑިސެމްބަރު 13 ގައި އޮތް ސިޔާސީ އެއްވުމުގައި އާންމުންގެ ކިބައިން އެދިވަޑައިގަތީ އިންތިހާބުގައި ވޯޓު ދޭ އިރު، ނިއު ދިއްލީ ބަހެއްގައި ހިންގި ރޭޕް ހާދިސާގައި މަރުވި އަންހެން މީހާގެ މަތިން ހަނދާންކުރުމަށެވެ.

ޒުވާން އެ އަންހެންމީހާ މަރުވީ، ގޭންގް ރޭޕްގައި ލިބުނު އަނިޔާތަކާ ގުޅިގެން ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބޮޑުވަޒީރެއްގެ ގޮތުން އިންޑިއާގެ މިނިވަން ދުވަހު އޭނާ ދެއްވި ފުރަތަމަ ތަގުރީރުގައި، އޮގަސްޓް 2014 ގައި ވިދާޅުވީ އަންހެނުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ހުރިހާ އަމަލެއް ކުށްވެރިކުރައްވާ ކަމަށެވެ. އަދި ރަނގަޅު ފިރިހެން ކުދިން ބޮޑުކުރާނެ ގޮތުގެ ބައެއް ލަފާތައް ވެސް އެ ތަގުރީރުގައި، އިންޑިއާގެ މައިންނަށް އޭނާ ދެއްވި އެވެ. ރޭޕްގެ އަމަލްތައް ހުއްޓުވުމުގެ އެއް ފިޔަވަޅެއްގެ ގޮތުން، މޯދީ އެދިވަޑައިގަތީ، ފިރިހެން ދަރިންނާ މިހާރަށް ވުރެ ގިނަ ސުވާލުކުރުމަށެވެ.

އެކަމަކު އިންޑިއާގައި ރޭޕް ކޭސްތައް ފެންމަތިވާ ނިސްބަތަށް ބަލާއިރު، ސިޔާސީ ވެރިންގެ އެ ވާހަކަތަކަކީ މޭކަޕެއް ފަދަ އެއްޗެއްކަން، ތަފާާސްހިސާބުތަކުން ދައްކަ އެވެ. އިންޑިއާގައި، 2017 ގެ ހިސާބުތަކުން އެނގެނީ، ކޮންމެ 15 މިނިޓަކުން އަންހެނަކު ރޭޕްކުރާ ކަމެވެ.

އާންމުން މިހާރު ގަބޫލުކުރަނީ ރޭޕް މައުލޫއު އަކީ ސިޔާސީ ގޮތުން އެ ބަޔަކަށް ފައިދާ ހުރި ވަގުތެއްގައި ސިޔާސީ މީހުން އެ މީހުންގެ އަމިއްލަ މަސްލަހަތުގައި ނަގާ މައްސަލައެއްގެ ގޮތުގަ އެވެ.