ހާފިޒް ސައީދުގެ މައްޗަށް ޓެރަރިޒަމަށް މާލީ އެހީވުމުގެ ދައުވާ

ޕާކިސްތާނުގައި ދީން އައްޑަނައަކަށް ހަދައިގެން ފައިސާ ހޯދައި، އެ ފައިސާ ޓެރަރިޒަމަށް ބޭނުންކުރިކަމުގެ ދައުވާ، އަމިއްލަ ޖަމާއަތެއް ކަމަށްވާ ޖަމާއަތުއް ދައުވާގެ ބާނީ ހާފިޒް މުހައްމަދު ސައީދުގެ މައްޗަށް މިދިއަ ބުދަދުވަހު، ލާހޫރުގެ ކޯޓެއްގައި އުފުލައިފި އެވެ.


އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށް ވާ މުމްބާއީއަށް 2008 ގައި ދިން ޓެރަރިސްޓް ހަމަލާގެ މޭސްތިރި ކަމަށް ބެލެވޭ ހާފިޒަކީ އެމެރިކާ އާއި އދ. އިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހެކެވެ.

އޭނާ އާއި އޭނާގެ އިސް އެހީތެރިއެއް ކަމަށް ވާ މާލިކް ޒަފަރު އިގުބާލްގެ މައްޗަށް ދައުވާތައް އިއްވަން ކޯޓަށް ހާޒިރުކުރީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

"ހާފިޒު މުހައްމަދު ސައީދު ވަނީ އޭނާގެ މައްޗަށް އިއްވި ހުރިހާ ދައުވާއަކަށް އިންކާރުކޮށްފައި. އޭނާ ބުނީ ޓެރަރިޒަމްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް،" ހާފިޒްގެ ވަކީލް އިމްރާން ފަޒްލް ގިލް ވިދާޅުވި އެވެ.

އެމެރިކާ އާއި އދ. އިން 2008 ގައި ޓެރަރިސްޓުންގެ ލިސްޓްގައި ހިމެނި ހާފިޒާ ދެކޮޅަށް ޓެރަރިޒަމްގެ އެތައް ދައުވާއެއް ވަނީ ކޯޓަށް ފޮނުވައިފަ އެވެ.

ޕާކިސްތާނުގެ ރަސްމީ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޖަމާއަތުއް ދައުވާ އާއި ފަލާހު އިންސާނިއަތު ފައުންޑޭޝަން އަކީ މިހާރު މަނާކޮށްފައިވާ ލަޝްކަރޭ ތައިބާ އަށް މާލީ އެހީ ހޯދަން ބޭނުންކުރަމުން ގެންދިޔަ ޖަމިއްޔާތަކެކެވެ. އެކަމާ ގުޅޭ ތަހުގީގު މިހާރު ވެސް ކުރިއަށް ދާ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.

އެ ދެ ފައުންޑޭޝަނަށް އެކި ފަރާތްތަކުން ދޭ އެހީ ބޭނުންކުރަނީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓެރަރިޒަމްގެ ހަރަކާތްތަކަށެވެ.

ޕާކިސްތާނުން ހާފިޒް ފަދަ މީހުންގެ ހިޔާނީގެ ފަހަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ މައްސަލަ ބަލަން ފެށީ ޓެރަރިޒަމަށް މާލީ އެހީ ފޯރުކޮށްދޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ފަައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން ޕްރެޝަރުކޮށްގެންނެވެ.

އެފްއޭޓީއެފްގެ ބްލެކް ލިސްޓަށް ގައުމެއް އަރައިފި ނަމަ މާލީ ދާއިރާގައި އެ ގައުމަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ އެވެ. ޕާކިސްތާން މިހާރު އޮތީ ގްރޭ ލިސްޓްގަ އެވެ.

ބޮމްބޭއަށް ދިން ހަމަލާގައި 160 މީހުން މަރުވި އެވެ. އެ ހަމަލާގައި ބައިވެރިވީ ޕާކިސްތާންގެ ޓެރަރިސްޓުންނެވެ. އޭގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެހެން އެންމެން، އިންޑިއާ ސިފައިންނާ ދެމެދު ހިނގި ބަޑީގެ ހަމަލާތަކުގައި މަރުވި އެވެ. އަތުލައިގަތް މީހާއަށް އިންޑިއާ އިން ފަހުން ވަނީ ޝަަރީއަތް ކޮށް މަރުގެ އަދަބު ދީފަ އެވެ.