އިންޑިއާގެ މުޒާހަރާތަކުގައި ލޭ އޮހޮރުވުން ބޮޑުވަނީ

އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވެފައިވާ މީހުންގެ ތެރެއިން މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް ރައްޔިތުކަން ލިބޭ ގާނޫނާ ދެކޮޅަށް ކުރިއަށް ދާ މުޒާހަރާތަކުގައި އިއްޔެ ހަ މީހަކު މަރުވެއްޖެ އެވެ.


އެންމެ ގިނަ މީހުން މަރުވީ އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝްގަ އެވެ. އެ ސްޓޭޓްގެ ފުލުހުންގެ ވެރިޔާ އޯ ޕީ ސިންހު ވިދާޅުވީ 32 މީހުން ޒަހަމްވި ކަމަށެވެ.

މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރައިފަ އެވެ.

މުޒާހަރާކުރުން މަނާކޮށްފައި އޮތަސް އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ބޮޑެތި އެހެން ބައެއް ސަޓީތަކުގައި ވެސް އެއްވުންތައް ދަނީ ކުރިއަށެވެ. އަދި ހަމަނުޖެހުން ބޮޑު ހިސާބުތަކުން އިންޓަނެޓްގެ ހިދުމަތް ވެސް ވަނީ ކަނޑާލައިފަ އެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ހާލަތު ހަމަޔަކަށް އެޅުވުމުގެ ބަދަލުގައި، ބީޖޭޕީ ސަރުކާރުން ބޭނުންވަނީ އަސާސީ ހައްގުތައް ފިއްތާށެވެ. އެގޮތުން 1900 ގެ އަހަރުތަކުގެ ކުރީކޮޅު ހަދާފައި އޮތް، އެއް ތަނަކަށް ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްވުން މަނާކުރާ ގާނޫނުގެ ދަށުން މުޒާހަރާތައް ހުއްޓުވުމާއި އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުން ހިމެނެ އެވެ.

އުއްތަރަ ޕްރަދޭޝްގެ ފުލުހުންނާ ހަވާލާ ދީ މީޑިއާތަކުން ބުނާ ގޮތުގައި މަރުވި ހަ މީހުންގެ ތެރެއިން ފަސް މީހުންގެ ގަޔަށް ވަޒަން އަރާފައިވެ އެވެ.

އެކަމަކު ސިންހް ވިދާޅުވި ގޮތުގައި އެއްވެސް މީހަކު ވަޒަން އަރައިގެން މަރެއް ނުވެ އެވެ.

މިދިއަ ބުރާސްފަތިދުވަހުގެ ހަމަނުޖެހުންތަކުގައި ވަނީ ތިން މީހުން މަރުވެފަ އެވެ.

ގާތްގަނޑަކަށް 200 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްޓޭޓްގެ މަދުވެގެން 10 ސަރަހައްދެއްގައި އިއްޔެ މުޒާހަރާ ކުރިއަށް ދިޔަ ކަމަށް، މީޑިއާތަކުން ބުނެ އެވެ.

އިއްޔެ ނިއު ދިއްލީގައި ވެސް މުޒާހަރާ އޮތެވެ. އެ ސިޓީގެ އެންމެ ގަދީމީ އެއް މިސްކިތް ކަމަށް ވާ ޖާމާ މަސްޖިދުގެ ބޭރުގައި ކުރި މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކުރި އެވެ. އަދި މުޒާހަރާއަށް ހުރަސްއެޅުމުގެ ގޮތުން ބައެއް މަގުތައް ބަންދުކޮށް، ރޭލްގެ ބައެއް ހިދުމަތްތައް ވެސް މެދުކަނޑާލި އެވެ.

މައްސަލަ ޖެހުނު ގާނޫނުގެ ބޭނުމަކީ ކޮބާ؟

ނިއު ދިއްލީގައި ޔުނިވަސިޓީ ދަރިވަރުން މުޒާހަރާކުރަނީ: ދަރިވަރުންނާއި އާންމުން ގެންދަނީ ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާއި ނެޝަނަލް ރަޖިސްޓަ އޮފް ސިޓިޒަންސް (އެންއާރުސީ) އާ ދެކޮޅަށް އަޑުއުފުލަމުން. އެއީ މުސްލިމުންނަށް އަމާޒުކޮށްގެން ހަދާފައިވާ ގާނޫނެއް ކަމަށް ތުހުމަތުކުރޭ

މި މަހު ކުރީކޮޅު ފާސްކުރި ސިޓިޒަންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) ގެ ބޭނުމަކީ ޕާކިސްތާނާއި ބަންގްލަދޭޝް އާއި އަފްގާނިސްތާނުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވެފަައިވާ މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް ރައްޔިތުކަން ދިނުމެވެ.

އިންޑިއާގެ ގާނޫނުއަސާސީ ބުނާ ގޮތުން އެ ގައުމުގެ ރައްޔިތަކަށް ވާން، ވަކި ދީނެއް ބަލާކަށް ނުޖެހޭނެ އެވެ. އެހެންކަމުން މިއީ، އިންޑިއާ އަކީ ހަމައެކަނި ހިންދޫންގެ ގައުމަކަށް ހެދުމުގެ ފަލްސަފާގެ ބޭނުން ހިފައިގެން ސިޔާސީ ގޮތުން ބާރު ގަދަކުރި ބީޖޭޕީ ސަރުކާރުން ހިންގާ ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށް، މުސްލިމުންނާއި ބީޖޭޕީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފާޑުކިއުންތެރިން ބުނެ އެވެ.

އިންޑިއާ އުފެދިފައިވަނީ އެކި ދީންތަކާއި އެކި ބަސްތަކާއި އެކި ނަސްލުތަކާއި ސަގާފަތުގެ މައްޗަށް ކަމަށް ބުނެ، ހިންދޫންގެ ވަތަނީ ފިކުރަށް ތާއީދުނުކުރާ މީހުން ގެންދަނީ އަޑުއުފުލަމުންނެވެ.

ސީއޭއޭ ގާނޫނު މި އައީ، ނެޝަނަލް ރެޖިސްޓަ އޮފް ސިޓިޒަންސް (އެންއާރުސީ) ގެ ނަމުގައި، އިންޑިއާ އިން ހާއްސަ ރަޖިސްޓްރީއެއް ހެދުމުގެ މަސައްކަތް ވެސް ފަށާފައި އޮއްވަ އެވެ. މި ރަޖިސްޓްރީ ފުރަތަމަ އާންމުކުރީ އިރުއުތުރު ސްޓޭޓެއް ކަމަށްވާ އާސާމްގަ އެވެ. ރަޖިސްޓްރީގައި ނުހިމެނުނު 1.9 މިލިއަން މީހުންނަކީ މިހާރު އެއްވެސް ގައުމަކަށް ނިސްބަތްނުވާ ބަޔަކަށް ވަނީ ވެފަ އެވެ.

އާސާމަކީ މުސްލިމުންގެ އާބާދީ ބޮޑު ސްޓޭޓެކެވެ. ބަންގްލަދޭޝްއާ އިންވެގެން އޮންނަ ސްޓޭޓްގައި ވަރަށް ކުރިންސުރެ ބަންގްލަދޭޝް އިން ހިޖުރަކުރި އެތައް ލައްކަ ބަޔަކު އުޅެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް އުފެދުމުގެ ކުރިން އިންޑިއާގައި އުޅެމުން އައި މީހުން ވެސް ހިމެނެ އެވެ. އެކަމަކު އެންއާރުސީއަށް ބޭނުންވާ ލިއެކިއުންތައް ނެތުމުން އިންޑިއާގެ ރައްޔިތެއްގެ ހައްގު ގެއްލުމުގެ ބިރު އެތައް ލައްކަ ބަޔަކަށް މިހާރު ވަނީ ކުރިމަތިވެފަ އެވެ.

އެންއާރުސީގައި ހިމެނެން ބޭނުންވާ ލިއެކިއުންތަކުގެ ތެރޭގައި ކާފައިންނާ ހިސާބުން އިންޑިއާގައި އުޅޭ ބައެއްކަން އަންގައިދޭ ރަސްމީ ލިއުން ހިމެނެ އެވެ. އެފަދަ އެއްވެސް ލިއުމެއް ނެތް މީހުންގެ ތެރޭގައި އިންޑިއާގައި އުފަންވެ، އުޅެބޮޑުވި އެތައް ލައްކަ ބަޔަކު ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އެހެންކަމުން އެންއާރުސީ އަކީ ވެސް މުސްލިމުންނަށް އަމާޒުކުރި ސިޔާސަތެއް ކަމަށް، އިދިކޮޅު ފަރާތްތަކާއި އިންޑިއާގެ މުސްލިމުން ގަބޫލުކުރެ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ގޮތުގައި ސީއޭއޭ އަކީ އިންޑިއާގެ އެއްވެސް ރައްޔިތަކަށް އަމާޒުކުރި ގާނޫނެއް ނޫނެވެ. އަދި އާންމުންނަށް އޮޅުވާލައި، ހަމަނުޖެހުން ހިންގަނީ އިދިކޮޅު ފަރާތްތަކުން ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ.

މޯދީގެ ގާތް އެކުވެރިޔާ އަދި ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވެފައި ވަނީ މުޒާހަރާ ކުރިޔަސް ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އޭނާ އާއި ސަރުކާރު "ހިލަގަނޑެއް ހާ" ހަރުކަމަށް ވެސް ވިދާޅުވި އެވެ.