ބޭންކް ފަޅާލައި، ހުރިހާ ފައިސާއެއް ދިނީ އާންމުންނަށް!

އެމެރިކާގެ މީހަކު ބޭންކެއް ފަޅާލައިގެން ނުކުމެ، ހުރިހާ ފައިސާއެއް އާންމުންގެ ތެރެއަށް އުކާލައި، "އުފާވެރި ކްރިސްމަސް" އަކަށް އެދިފައި، އަމިއްލައަށް ހައްޔަރުވެއްޖެ އެވެ.


މިދިއަ ހޯމަދުވަހުގެ މެންދުރު ވަގުތު ޑޭވިޑް ވޭން އޮލިވާ، 65، ވަދެ ފަޅާލީ، ކޮލޮރާޑޯ ސްޕްރިންގްސްގައި ހުންނަ އެކަޑަމީ ބޭންކްގެ ގޮތްޕެކެވެ.

"އޭނާ ބޭންކް ފަޅާލައިގެން ނުކުމެ، މުޅި ހިސާބަށް އެ ހުރިހާ ފައިސާއެއް އުކާލީ،" މަންޒަރު ދުށް އެކަކު ކިޔައިދިނެވެ.

"އަތުގައި އޮތް ގޯންޏަކުން ފައިސާ ނަގައިގެން އުކަމުން ދިޔައީ ދެން އޭނާ ބުނީ އުފާވެރި ކްރިސްމަސްއެކޭ."

އޮލިވާ އެ ހުރިހާ ކަމެއްކޮށް، ހަމަޖެހިލާފައި ގޮސް ދިޔައީ ކައިރީގައި ހުރި ސްޓާބަކްސް ކޮފީ ޝޮޕް ދޮރުމައްޗަށެވެ. ދެން ފުލުހުން އައިސް ހައްޔަރުކުރަންދެން އެތަނުގައި އިށީދެ އިނީ ކަމަށް ވެސް، މަންޒަރު ދުށް މީހުން ބުނެ އެވެ.

އޮލިވާ ކިތައްމެ ހިތްހެޔޮކަމާ އެކު ފައިސާތައް އާންމުންގެ ތެރެއަށް އުކާލިޔަސް، އެއިން އެއްވެސް ފައިސާއެއް އެއްވެސް މީހަކު ނުގެންދެ އެވެ. އޭގެ ބަދަލުގައި އާންމުން އެ ނޫޓުތައް ހޮވައިގެން ގެންގޮސް ބޭންކާ ހަވާލުކުރީ އެވެ.