ގާޒާގެ އާއިލާއެއް ޝަހީދުކޮށްލެވުނީ އޮޅުމަކުން: އިޒްރޭލް

ގާޒާ (ޑިސެމްބަރު 26) - މިދިޔަ ނޮވެމްބަރު އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދިން ހަމަލާތަކުގައި އެއް އާއިލާއަކުން ނުވަ މެންބަރުން ޝަހީދުކޮށްލެވުނީ އޮޅުމަކުން ކަމަށް އިޒްރޭލް ސިފައިން ބުނެފި އެވެ.


ފަލަސްތީން އޮތޯރިޓީގެ އިސް މެންބަރެއް ކަމަށްވާ ރަސްމީ އަބޫ މަލްހޫސް އާއި އޭނާގެ ކޮއްކޮ މުހައްމަދު ދިރިއުޅޭ ގެއަށް ނޮވެމްބަރު 14 ވަނަ ދުވަހު ދިން ހަމަލާގައި ސަވަރްކާ އާއިލާ އިން ޝަހީދުވި ނުވަ މީހުންގެ ތެރޭގައި ފަސް ކުޑަ ކުދިން ހިމެނެ އެވެ.

ގާޒާގެ މެދުތެރޭގެ ދައިރު އަލް ބަލާހު ޓައުނަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ރަސްމީ އާއި އޭނާގެ ދެ ވަނަ އަނބި މަރިޔަމް، 45، އާއި އެ ދެމަފިރިންގެ 11 ކުދިންގެ ތެރޭން ތިން ކުދިން ޝަހީދުވި އެވެ. ޝަހީދުވި ކުދިންގެ ތެރޭގައި ތިން އަހަރުގެ ސާލިމް އާއި 12 އަހަރުގެ މުހައްމަދު އަދި ތިން މަހުގެ ފިރާސް ހިމެނެ އެވެ. ބޮމުގެ ހަމަލާތަކުގައި މުހައްމަދުގެ އަންހެނުން ޔޫސްރާ، 39، އާއި އެ ދެމަފިރިންގެ ދެ ފިރިހެން ކުދިން ކަމަށްވާ ހަތް އަހަރުގެ މުއާޒް އާއި 13 އަހަރުގެ ވަސީމް ވެސް ވަނީ ޝަހީދުވެފަ އެވެ. މުހައްމަދު ޝަހީދުވީ އޭނާ އަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެނިކޮށް ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.

ނޮވެމްބަރު މަހު އިޒްރޭލުން ހިންގި އުދުވާނުގައި ފަލަސްތީނުގެ 34 މީހުން ޝަހީދުކޮށްލި އިރު އެއް އާއިލާއަަކުން ނުވަ މެންބަރުން ވަނީ ޝަހީދުކޮށްލާފައި. --ފޮޓޯ:އަލް ޖަޒީރާ

ނޮވެމްބަރު މަހު މެދުތެރޭ، ގާޒާ އަށް އިޒްރޭލުން ދެ ދުވަސްވަންދެން ދިން ވައިގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ 34 މީހުން ޝަހީދުވެފަ އެވެ. ހަމަލާތައް ފަށާފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާގެ އެޕާޓްމަންޓަށް ހަމަލާދީ އޭނާ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

އިޒްރޭލުން ބުނެފައި ވަނީ އެއް އާއިލާއަކުން ނުވަ މެންބަރުން ޝަހީދުވީ އޮޅިގެން ދިން ހަމަލާއަކުން ކަމަށެވެ. އެ ހަމަލާގެ އަމާޒެއް ކަމަށް އިޒްރޭލުން ބުނެފައި ވަނީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަސްމީގެ ގެއަށް ވައިގެ ހަމަލާ ދިނީ އެއީ އިސްލާމިކް ޖިހާދުގެ އަސްކަރީ މަރުކަޒެއް ކަމަށް ހީކޮށް ކަމަށެވެ. އަދި އެ ގޮތަށް މައުލޫމާތު ދީފައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ އިން ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަލާ ދިނީ އެ ތަނަކީ އިސްލާމިކް ޖިހާދުގެ މަރުކަޒަކަށްވާތީ އެ ތަނަށް އާއްމުން ވަދެ ނޫޅޭނެ ކަމަށް ބަލައިފައި ކަމަށް ވެސް އިޒްރޭލުން ބުނެފައިވެ އެވެ.

އިޒްރޭލް ސިފައިން ބުނެފައި ވަނީ އެ މީހުންނަށް ހެދޭ ގޯހުން ފިލާވަޅު ލިބިގަންނާނެ ކަމަށެވެ.