ޓްރަމްޕް ޓެކްސް ނުދައްކާ ކަމަށް ބުނާ މައްސަލަ ޕާޓީގެ އިސް ބައެއް މީހުން ދިފާއުކޮށްފި

ނިއު ޔޯކް (އޮކްޓޯބަރު 2) - އެމެރިކާގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް 18 އަހަރު ވަންދެން ޓެކްސް ނުދައްކާ ކަމަށް ނިއު ޔޯކް ޓައިމްސްގައި ޖެހި ރިޕޯޓާ ގުޅިގެން ޓްރަމްޕުގެ ދިފާއުގައި އޭނާގެ ގާތް ބައެއް މީހުން ވާހަކަ ދައްކައިފި އެވެ.


ނިއު ޔޯކް ޓައިމްސް އިން ބުނީ އެ ނޫހަށް ލިބިފައިވާ ލިޔުންތަކުގައިވާ ގޮތުން 1996 ވަނަ އަހަރު ޓްރަމްޕުގެ ޓެކްސް ލިޔުންތައް ދައްކާ ގޮތުން އެ އަހަރު ވަނީ 915 މިލިއަން ޑޮލަރުގެ ގެއްލުންވެފަ އެވެ. އޭގެ ސަބަބުން އޭނާ އަށް ވަނީ ޓެކްސް ދެއްކުމުން 18 އަހަރުވަންދެން ސަލާމަތްވެފައި ކަމަށް ވެސް ނޫހުން ބުނެފައިވެ އެވެ.

ނިއު ޔޯކް ޓައިމްސްގެ ރިޕޯޓް ޓްރަމްޕުގެ ކޭމްޕުން ތެދު ވެސް އަދި ދޮގު ވެސް ކޮށްފައެއް ނުވެ އެވެ. ޓްރަމްޕުގެ ވަކީލުން ބުނެފައިވަނީ އެއީ ގަވާއިދާ ޚިލާފަށް ހޯދާފައިވާ ލިޔުމެއް ކަމަށާއި އެފަދަ ލިޔުމެއް އާއްމު ނުކުރެވޭނެ ކަމަށެވެ. ޓްރަމްޕުގެ ކުރީގެ އެކައުންޓެންޓަކު ވަނީ ނިއު ޔޯކް ޓައިމްސްގައި ލިޔެފައިވާ ލިޔުމުގައި ވަނީ ސައްހަ މައުލޫމާތު ކަމަށް ބުނެފަ އެވެ. ލިޔުމުގެ ސަައްހަ ކަމާ މެދު ޓްރަމްޕުގެ ކެމްޕޭނު އޮފީހުން ވަކި އެއްޗެއް ނުބުނެ އެވެ. އޭގެ ބަދަލުގައި ޓްރަމްޕުގެ ކެމްޕޭން އޮފީހުން ބުނެފައި ވަނީ ހިލަރީ ކްލިންޓަން އެންޑޯޒްކޮށްފައިވާ ނިއު ޔޯކް ޓައިމްސް އަކީ ހިލަރީގެ ކެމްޕޭނުގެ ބައެއް ކަމަށެވެ.

ރިޔާސީ ބަހުސްގައި ހިލަރީ ވަނީ ޓްރަމްޕް ޓެކްސް ނުދައްކަވާ މައްސަލަ ނަންގަވާފައި. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް ދިފާއު ކުރައްވާ ނިއު ޖާޒީގެ ގަވަރުނަރު ކްރިސް ކްރިސްޓީ ވިދާޅުވީ ނިއު ޔޯކް ޓައިމްސްގެ ލިޔުމަކީ ތެދެއް ނަމަ ޓްރަމްޕަކީ "ޖީނިއަސް" އެއް ކަމަށެވެ. ޓްރަމްޕުގެ އެޑްވައިޒަރެއް ކަމަށްވާ ރޫޑީ ގިލިއާނީ ވިދާޅުވީ ޓެކްސް ދެއްކުމުން ޓްރަމްޕް ސަލާމަތްވެފައިވާ ނަމަ އޭނާ އަކީ އާދަޔާޚިލާފަށް މޮޅު މީހެއް ކަމަށެވެ. ގާނޫނުގައިވާ އުނިކަންކަމުގެ ތެރޭން ފަގީރު އެތައް ބަޔަކު ޓެކްސް ނުދައްކާ ކަމަށް އެންބީސީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ފުރަތަމަ ބަހުސްގައި އިދިކޮޅު ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވަނީ ޓްރަމްޕުގެ ޓެކްސް ބަޔާން އާއްމުކޮށްފައި ނުވާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ހިލަރީ ވިދާޅުވީ ޓްރަމްޕް ކޮންމެވެސް ކަމެއް ފޮރުއްވަނީ ކަމަށެވެ. ހިލަރީ ވަނީ ގާތްގަނޑަކަށް 40 އަހަރުގެ ޓެކްސް ބަޔާން އާއްމު ކުރައްވައިފަ އެވެ. ޓްރަމްޕުގެ ރަނިން މޭޓް މައިކް ޕެންސް ވަނީ 10 އަހަރުގެ ޓެކްސް ބަޔާން އާއްމު ކުރައްވައިފަ އެވެ.

އެމެރިކާގައި ވައިޓް ހައުސް އަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވި ހުރިހާ ކެންޑިޑޭޓުން ވަނީ 1976 ވަނަ އަހަރު ޖިމީ ކާޓާ އަށް ފަހު ޓެކްސް ބަޔާން އާއްމު ކޮށްފަ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ