އީރާނުން ހަމަލާއެއް ދީފިނަމަ ހަނދާން ނުފިލާވަރުގެ ރައްދެއް ދޭނަން: ނަތަންޔާހޫ

ތެލް އަވީވް (ޖެނުއަރީ 9) - އީރާނުން އިޒްރޭލަށް ހަމަލާއެއް ދީފި ނަމަ ހަނދާން ނުފިލާވަރުގެ ވަރުގަދަ ބަދަލެއް ހިފާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


އިރާގުގައި އެމެރިކާ ސިފައިން ތިބޭ ވައިގެ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާދީފައި ވަނިކޮށް، ގުދުސްގައި ބޭއްވި ކޮންފަރެންސެއްގައި ނަތަންޔާހޫ ވިދާޅުވީ އިޒްރޭލަށް ހަމަލާ ދޭ ކޮންމެ ބަޔަކަށް އޭގެ ހިތި ނަތީޖާ ފެންނާނެ ކަމަށެވެ.

އީރާނުން މިސައިލް ހަމަލާދީފައި ވަނީ އެ ގައުމުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށެވެ.

ނަތަންޔާހޫ ވިދާޅުވީ ސުލައިމާނީ އަކީ "ޓެރަރިސްޓުންގެ ބޮޑެއް" ކަމަށެވެ. އަދި އެއީ ކުށެއް ނެތް އެތައް ބައެއްގެ މަރުގެ ޒިންމާ އުފުލަން ޖެހޭ މީހެއް ކަމަށާއި ސުލައިމާނީ ދިޔައީ ނުރައްކާ އެތައް ކަމެއް ރާވަމުން ކަމަށެވެ.

"ސުލައިމާނީ އަކީ މެދުއިރުމަތީގައި އީރާނުން ހިންގާ ހުރިހާ ކަމެއްގެ އިސް މޭސްތިރިޔާ،" އެމެރިކާ އާއި އިޒްރޭލުގެ ދިދަ ކުރިމަތީގައި ހުންނަވައި ނަތަންޔާހޫ ވިދާޅުވި އެވެ.

މެދުއިރުމަތީ ހަލަބޮލިވެފައިވީ ނަމަވެސް އިޒްރޭލް އޮތީ ހަމަޖެހިގެން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

އީރާނުގެ ސީނިއާ އޮފިޝަލަކު މިދިޔަ ހޯމަ ދުވަހު ވަނީ އެމެރިކާ އިން ބަދަލު ހިފުމުގެ ގޮތުން އީރާނަށް ހަމަލާއެއްދީފި ނަމަ އިޒްރޭލުގެ ތެލް އަވީވް އާއި ހައިފާ ހިރަފުހަށް ހަދާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.