އީރާނާ ޝަރުތެއް ނެތި މަޝްވަރާ ކުރަން ބޭނުންވާކަން އެމެރިކާ އިން އަންގައިފި

ޔުނައިޓެޑް ނޭޝަންސް (ޖެނުއަރީ 9) - އެއްވެސް ޝަރުތެއް ނެތި އީރާންއާ އެކު ސީރިއަސް މަޝްވަރާތަކަށް ދާން ބޭނުންވާކަން އެމެރިކާ އިން އދ. އަށް އަންގައިފި އެވެ.


އދ. އަށް ފޮނުވި ސިޓީއެއްގައި އެމެރިކާ އިން ވަނީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވާހަރަކޮށްލުން ދިފާއުކޮށްފަ އެވެ. އިރާގުގައ އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާ ދިނީ ސުލައިމާނީގެ މަރުގެ ބަދަލު ހިފުމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހަށް އެމެރިކާ އިން ފޮނުވި ސިޓީގައި ބުނެފައި ވަނީ އީރާންއާ މަޝްވަރާ ކުރަން ބޭނުން ވަނީ އިތުރު ކުރިމަތިލުމަކަށް ނުދާން ކަމަށެވެ. އަދި މެދުއިރުމަތީގައި އެމެރިކާގެ ރައްޔިތުންނާއި ތަންތަން ހިމާޔަތް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ ސަފީރު ވިދާޅުވީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އެމެރިކާ އިން މަޝްވަރާ އަށް އެދި ހުށަހެޅުމުން ގަބޫލް ކުރަން ދަތި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވެސް ވަނީ އެއްވެސް ޝަރުތެއް ނެތި އީރާންއާ މަޝްވަރާ ކުރަން ހުށަހަޅުއްވައިފަ އެވެ. އަދި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރެއްވުމަށް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނީ އެމެރިކާއާ އެކު ދޭދޭ މަޝްވަރާ ކުރުމެއް ނޯންނާނެ ކަމަށެވެ. އަދި އެމެރިކާގެ ސިޔާސަތަކީ އީރާނަށް ޕްރެޝަރު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.