ޓައިވާނުގެ އިންތިޚާބުން ޗައިނާއާ ދެކޮޅު ފިކުރަށް ކާމިޔާބު

ޓައިޕެއި (ޖެނުއަރީ 12) - ޓައިވާނުގައި ބޭއްވި އިންތިޚާބުން ސައި އިން-ވެން ދެ ވަނަ ދައުރަކަށް ހޮވިވަޑައިގަތުމަކީ ޗައިނާގެ ނުފޫޒަށް ގިނަ މީހުން ނޫނެކޭ ބުނުން ކަމަށް ތަޖްރިބާކާރުން ބުނެފި އެވެ.


ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ޓައިވާނުގެ 19 މިލިއަން މީހުންގެ އާބާދީގެ ތެރޭން ކޮންމެ ހަތަރު މީހަކުން ތިން މީހަކު ވަނީ ސައި އަށް ތާއީދުކޮށްފަ އެވެ. އެކަމަނާ ހޯއްދެވި ވޯޓުގެ 57 ޕަސެންޓް ނުވަތަ 8.2 މިލިއަން ވޯޓަކީ މިހާތަނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބީ ވެސް މެ އެވެ.

ސައިގެ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) އިން ވަނީ 113 މެންބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ހޯދައިފަ އެވެ. ނަތީޖާއަކީ މެއި މަހުގެ 20 ވަނަ ދުވަހު ފަށާ ސައިގެ ހަތަރު އަހަރުގެ ފަހު ޓާމުގައި އެކަމަނާގެ އެޖެންޑާ ކުރިއަށް ގެންދަން ފަސޭހަވުމެވެ.

ސައި ދެއްވި ކާމިޔާބީގެ ތަގްރީރުގައި ވަނީ ޓައިވާނުގެ މައްޗަށް ބާރު ހިންގަން ޗައިނާ އިން ގެންގުޅޭ ސިޔާސަތު ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެސް ސައި ވިދާޅުވެފައި ވަނީ އިންތިޚާބުގެ ނަތީޖާ އިން ދައްކުވައިދީފައި ވަނީ މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާ އެކު ޓައިވާންގެ ރައްޔިތުން ކުރިއަށްދާން ބޭނުންވާކަން ކަމަށެވެ.

ސައިގެ ކާމިޔާބީ އަށް އެމެރިކާ އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. އަދި އެއީ ޓައިވާނުގެ ސިޔާސަތުތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ލިބުނު ފުރުސަތެއް ކަމަށް ވަނީ ބުނެފަ އެވެ.