މަރުވި ނޯރާގެ އާއިލާއިން ބޭނުން ވަނީ މައްސަލަ އަލުން ބަލަން

ބެލްފާސްޓް (ޖެނުއަރީ 14) - ޗުއްޓީއަކަށް އާއިލާއާ އެކު މެލޭޝިއާ އަށް ދިޔަ އިނގިރޭސި ވިލާތުގެ ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށްވާ ނޯރާ ކުއޮރިން ގެއްލިގެން ހޯދާތާ 10 ދުވަސް ފަހުން، މަރުވެފައި އޮއްވާ ފެނުނު މައްސަލަ އަލުން ބަލަން ބޭނުންވާ ކަމަށް އެ ކުއްޖާގެ އާއިލާ އިން ބުނެފި އެވެ.


ވެރިރަށް ކުއާލަ ލަމްޕޫރުގެ ދެކުން 39 މޭލު ދުރުގައި އޮންނަ ޑުސުން ރިސޯޓުން ނޯރާ ގެއްލުނީ، އެ ރިސޯޓަށް ދިޔަތާ އެއް ދުވަސް ފަހުން، މި މިދިޔަ އޮގަސްޓް މަހު 4 ވަނަ ދުވަހު އެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ޑުސުންއާ އެއް މޭލު (ދެ ކިލޯ މީޓަރު) ދުރުން ޖަންގަލީގެ ތެރޭންނެވެ.

މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ދާދި ފަހުން ބުނެފައި ވަނީ ނޯރާގެ މަރުގެ ތަހުގީގު ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް ނޯރާގެ މަންމަ ބުނީ އެ މީހުންގެ ދަރިފުޅުގެ ޕޯސްޓް-މޯޓަމް ރިޕޯޓް ވެސް ލިބިފައި ނުވާ ކަމަށާއި އެހެންވެ ތަހުގީގު ނިންމާލައިގެން ނުވާނެ ކަމަށެވެ. އެ މީހުންނަށް މިހާތަނަށް ދިން މައުލޫމާތަކީ ނޯރާގެ މަރާ ގުޅޭ މެޑިކަލް ސަބަބުތައް ކަމަށް ބުންޏެވެ. ނަމަވެސް އެ ކުއްޖާ ހުރި ރިސޯޓުން ދުރު ހިސާބަކަށް ދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް އާއިލާ އަށް ނުދޭ ކަމަށް ބުންޏެވެ.

ނޯރާގެ މަންމަ ވާހަކަ ދައްކަނީ: ނޯރާ އަކީ އެކަނި ތަނަކަށް ދެވޭނެ ކުއްޖެއް ނޫން ކަމަށް ބުނި. --ފޮޓޯ:ރޯޔަލް މެލޭޝިއަން ޕޮލިސް

މެލޭޝިއާ ފުލުހުން ކުރިން ބުނެފައި ވަނީ ނޯރާ މަރުވީ ބަނޑުހައިހޫނުކަމުގައި ކަމަށާއި އޭނާ އަށް ޖިސްމާނީ އަނިޔާއެއް ދީފައި ނެތް ކަމަށެވެ.

ނޯރާގެ މަންމަ ބުނީ އެއީ އަމިއްލަ އަށް އެއްވެސް ތަނަކަށް ދެވޭނެ ކުއްޖެއް ނޫން ކަމަށެވެ. އެހެންވެ އެ މީހުން އަދިވެސް ގަބޫލް ކުރަނީ ނޯރާ ވަގަށް ނެގީ ކަމަށެވެ.

ނޯރާގެ ބައްޕަ ބުނީ މެލޭޝިއާ އިން އެ މައްސަލައިގެ ތަހުގީގު އަލުން ފެށުމަށް، ޑިޕްލޮމެޓިކް ގޮތުން ޕްރެޝަރު ކުރާނެ ކަމަށެވެ. އެ ގޮތުން އިނގިރޭސި ވިލާތް، އަޔަލޭންޑް އަދި ފްރާންސް މެދުވެރިކޮށް، އެ މައްސަލަ އަލުން ބެލުމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުގައި އެދޭނެ ކަމަށް ބުންޏެވެ.

ނޯރާގެ މައިންބަފައިންނަކީ ފްރެންޗް-އައިރިޝް ބައެއް ނަމަވެސް އެ މީހުން ލަންޑަނުގައި ދިރިއުޅޭތާ 20 އަހަރުވެއްޖެ އެވެ.