ޗައިނާގެ މަގެއްގެ ބިމުއަޑިއަށް ބަހެއް ދަމައިގަނެ ހަ މީހުން މަރުވެއްޖެ

ބެއިޖިން (ޖެނުއަރީ 14) - ޗައިނާގެ ހުޅަނގު އުތުރުގެ ސިޓީއެއްގެ މަގެއްގައި އުފެދުނު ބޮޑު ވަޅުގަނޑަކަށް ޕަސިންޖަ ބަހެއް ދަމައިގަނެ ހަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.


ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ބަސް ވަޅުގަނޑަށް ދަމައިގަންނަ ވަގުތު، ބަސް ސްޓޭންޑްގައި ތިބި މީހުން ބިރުން ދުވެ އެވެ. ވަޅުގަނޑު ފުޅާވަމުން ދިޔައިރު އިތުރު މީހުން ދިޔައީ ވަޅުގަނޑު ތެރެއަށް ވެއްޓެމުންނެވެ. ވެއްޓުނު މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ވަޅުގަނޑުގެ ތެރޭގައި ވަނީ ގޮވުމެއް ވެސް ގޮވައިފަ އެވެ.

މަގުމަތީގައި ވަޅުގަނޑެއް އުފެދި ބަސް ވެއްޓެނީ.

ސަރުކާރުގެ ބްރޯޑްކާސްޓާ ސީސީޓީވީން ބުނީ ގިންގައި ޕްރޮވިންސްގެ ވެރިރަށް ޝިނިންގައި އިއްޔެ ހަވީރު ހިނގި ހާދިސާގައި ގެއްލުނު މީހުން ހޯދަން 1،000 އަށް ވުރެ ގިނަ މީހުންނާއި 30 ވެހިކަލް ބޭނުން ކުރަމުންދާ ކަމަށެވެ. ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެ ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

މަގުމަތީގައި އުފެދުނު ވަޅުގަނޑު ނުވަތަ ސިންކްހޯލުން މީހަކު މައްޗަށް ނަގާ މަންޒަރު ޗައިނާ ސަރުކާރުގެ ބްރޯޑްކާސްޓަ ސީޖީޓީއެން އިން ދައްކާފައިވެ އެވެ. ހޮސްޕިޓަލުގެ ބޭރުގައި އުފެދުނު ވަޅުގަނޑުގެ ބޮޑުމިނުގައި 860 އަކަ ފޫޓު ހުރި ކަމަށްވެ އެވެ.

ޒިންހުއާ އިން ބުނީ އެ ހާދިސާގައި ޒަޚަމްވި 16 މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި އެ މީހުން ހާލު ރަނގަޅު ކަމަށެވެ.

ވަޅުގަނޑަށް ވެއްޓުނު ބަސް ނަގަނީ. --ފޮޓޯ:އޭއެފްޕީ

ޗައިނާގެ މެދުތެރޭގެ ހެނާން ޕްރޮވިންސްގެ މަގެއްގައި 2016 ވަނަ އަހަރު އުފެދުނު ސިންކްހޯލަކަށް ތިން މީހަކު ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގެ ތަހުގީގުން އެނގިފައި ވަނީ ސިންކްހޯލް އުފެދުނީ މަގު އަޑީގައި ވަޅުލާފައިވާ ފެންހޮޅިތަކެއް ފަޅައިގެން ގޮސް ފަސްގަނޑު ދޫވުމުންނެވެ. ސިނާއީ ސަރަހައްދެއް ކަމަށްވާ ޝެންޒެންގައި 2017 ވަނަ އަހަރު އުފެދުނު 33 ފޫޓުގެ ސިންކްހޯލަކަށް ވެއްޓި ފަސް މީހުން ވަނީ މަރުވެފަ އެވެ. ހުޅަނގު ދެކުނުގެ ޑަޒޫގައި 2018 ވަނަ އަހަރު އުފެދުނު ސިންކްހޯލަކަށް ވެއްޓި ހަތަރު މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާގައި ސިންކްހޯލް އުފެދޭ ސަބަބެއް ކަމަށް ބުނެފައި ވަނީ އިމާރާތް ކުރުމާއި އެކި އެކި ސިނާއީ މަސައްކަތްތަކުގެ ތެރޭގައި ފަސްގަނޑު ދޫވުމުން ކަމަށެވެ.