ބޯޓު ވައްޓާލުމާ ގުޅިގެން އީރާނުން ބައެއް މީހުން ހައްޔަރުކޮށްފި

ތެހެރާން (ޖެނުއަރީ 14) - އެކްސިޑެންޓަކުން ނަމަވެސް މިސައިލެއް އަރައިގެން ޔުކްރޭނުގެ މަތިންދާ ބޯޓު ވައްޓާލުމާ ގުޅިގެން އީރާނުން އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޖުޑިޝަރީން ބުނެފި އެވެ.


ތަރުޖަމާން ޣުލާމް ހުސައިން އިސްމާއިލް ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ރައީސް ހަސަން ރޫހާނީ ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތް "ޚާއްސަ ކޯޓަކުން" ބަލާނެ ކަމަށެވެ.

ޔޫކްރޭން އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވެއްޓުމާ ގުޅިގެން އެ ބޯޓުން ދަތުރުކުރި 176 މީހުން މަރުވި އެވެ. ގިނައިން މަރުވީ އީރާނާއި ކެނެޑާ މީހުންނެވެ. ފުރަތަމަ ތިން ދުވަހު އީރާނުން ދިޔައީ ބޯޓު ވެއްޓުނީ އެ ގައުމުގެ މިސައިލް ހަމަލާއަކުން ނޫން ކަމަށް ބުނަމުންނެވެ. ނަމަވެސް އެކި ފަރާތްތަކުން ހެކިތައް ހާމަކުރަން ފެށުމުން ރިވޮލިއުޝަނަރީ ގާޑުން އެންމެ ފަހުން ވަނީ ބޯޓު ވެއްޓުނީ މިސައިލެއް އަރައިގެން ކަމަށް އެއްބަސްވެފަ އެވެ.

ރައީސް ރޫހާނީ ވިދާޅުވީ ބޯޓު ވައްޓާލި މައްސަލާގައި މިސައިލް އުދުއްސާލަން ބަޓަނަށް ފިއްތާލި މީހާ އެކަނި ކުށްވެރިކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ ހާދިސާގައި ޒިންމާ އުފުލަން ޖެހޭ އެންމެންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.