ޓްރަމްޕުގެ ސިޓީއެއް ލަންކާގެ ރައީސް އަށް

ކޮލަމްބޯ (ޖެނުއަރީ 15) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރަސްމީ ސިޓީއެއް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް އަރުވައިފި އެވެ.


ގޯޓާބޭ އަށް ޓްރަމްޕުގެ ސިޓީ ރައްދުކޮށްދެއްވީ އެކްޓިން އެސިސްޓެންޓް ސެކްރެޓަރީ ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް އެލިސް ވެލްސް އެވެ. ޓްރަމްޕުގެ ސިޓީގައި ވަނީ ލަންކާއާ އެކު އިތުރަށް ގުޅުން ބަދަހިކުރުމަށް އެމެރިކާ އިން ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވެލްސް ވިދާޅުވީ މިލޭނިއަމް ޗެލެންޖް ކޯޕަރޭޝަން (އެމްސީސީ) އެއްބަސްވުން އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ގުޅޭ ގޮތުން ގޯޓާބޭއާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އެކަމަނާ ވިދާޅުވީ ލަންކާ ސަރުކާރުގެ އިތުރުން އިދިކޮޅު ފަރާތްތަކާ އަދި ސިވިލް ސޮސައިޓީއާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވަނީ ޑިމޮކްރެޓިިކް މުއައްސަސާތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ކަމަށެވެ.

ވެލްސް ވިދާޅުވީ ސްރީ ލަންކާ އިން ބޭނުން ގައުމަކާ އެކު ގުޅުން ގާއިމްކުރެވިދާނެ ކަމަށެވެ. ނަމަވެސް ލަންކާގައި ކޮށްފައިވާ ޗައިނާގެ އިންވެސްޓްމަންޓްތަކާ މެދު އެމެރިކާ އިން ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.