ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެހީވާން އުޅުނު ފަސް މީހަކަށް އެމެރިކާގައި ދައުވާކޮށްފި

ވޮޝިންޓަން (ޖެނުއަރީ 20) - އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓް އަދި އެކްސްޕޯޓް ކޮންޓްރޯލް ރިފޯމް އެކްޓާ ޚިލާފަށް ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމަށް އެހީވި، ރާވަލްޕިންޑީގެ ކުންފުންޏަކާ ގުޅުން އޮންނަ ފަސް މީހަކަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން ދައުވާކޮށްފި އެވެ.


ޕާކިސްތާނަށް ނިސްބަތްވާ މުހައްމަދު ކަމްރާން ވާލީ، 41، އާއި މުހައްމަދު އަހްސަން ވާލީ، 48، ކެނެޑާގެ އޮންޓާރިއޯ އަށް ނިސްބަތްވާ ހާޖީ މުހައްމަދު ވާލީ މުހައްމަދު ޝެއިޚް، 82، ހޮން ކޮންގަށް ނިސްބަތްވާ އަޝްރަފް ޚާން މުހައްމަދު އަދި އިނގިތޭސި ވިލާތަށް ނިސްބަތްވާ އަހުމަދު ވަލީދު، 52، ވަނީ އެމެރިކާގައި އުފައްދާފައިވާ ބައެއް ތަކެތި ޕާކިސްތާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުން އޮންނަ ކުންފުނިތަކަށް ވަގަށް ބޭރުކޮށްފަ އެވެ. ކަމްރާން ވާލީ އާއި އަހުސަން ވާލީ އަކީ ދެބެންނެވެ. ހާޖީ މުހައްމަދު ވާލީ އަކީ އެ މީހުންގެ ބައްޕަ އެވެ.

އެމެރިކާގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް ފޯ ނޭޝަނަލް ސެކިއުރިޓީ ޖޯން ޑެމާސް ވިދާޅުވީ ދައުވާ ކުރި ފަސް މީހުންނާ އެކު ދުނިޔޭގެ އެއްވެސް ބަޔަކު ވިޔަފާރީގެ މުއާމަލާތް ނުހިންގުމަށް ސަމާލުވާންޖެހޭނެ ކަމަށެވެ.

ފަސް މީހުން ވަނީ ބައިނަލްއަގުވާމީ ޕްރޮކިއުމަންޓް ނެޓްވޯކެއް މެދުވެރިކޮށް އެމެރިކާގައި އުފައްދާފައިވާ ތަކެތި ފެޑެރަލް ގާނޫނުތަކާ ޚިލާފަށް، އެކްސްޕޯޓް ލައިސަންސް ނެތި، ޕާކިސްތާނުގެ އެޑްވާންސް އިންޖިނިއަރިން ރިސާޗް އޮގަނައިޒޭޝަން (އެއަރޯ) އަދި ޕާކިސްތާން އެޓޮމިކް އެނާޖީ ކޮމިޝަނަށް ފޯރުކޮށްދީފަ އެވެ. އެ ދެ ކުންފުނި ވެސް ވަނީ އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުގެ އެންޓްރީ ލިސްޓުގަ އެވެ.

ޕާކިސްތާނުން ވަނީ މެއި 1998 ގައި ނިއުކްލިއާ ޓެސްޓެއް ކޮށްފަ އެވެ.