ޗައިނާ އިން ފެނުނު ބަލި ގައިންގަޔަށް އަރާ

ވުހާން (ޖެނުއަރީ 21) - ޗައިނާގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ބަލި އިންސާނުން ގައިންގަޔަށް އަރާކަން އެ ގައުމުގެ ސިއްހީ އޮފިޝަލުން ޔަގީންކޮށްދީފި އެވެ.


ނިއުމޯނިއާގެ އަލާމާތްތައް ފެންނަ މި ބަލީގައި ޗައިނާ އިން މިހާތަނަށް ވަނީ ހަތަރު މީހުން މަރުވެފަ އެވެ. އެންމެ ފަހުން މަރުވެފައި ވަނީ 82 އަހަރުގެ ފިރިހެނެކެވެ. އެއީ ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ވުހާން ސިޓީގައި ދިރިއުޅުނު މީހެކެވެ.

ޗައިނާ އިން މިހާތަނަށް ވަނީ 218 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފަ އެވެ. ބޮޑެތި ސިޓީތައް ކަމަށްވާ ބެއިޖިން އަދި ޝެންހާއީ އިން ވެސް އެ ބަލީގެ މީހުން ވަނީ ފެނިފަ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ ބުނީ ގުއާންގޮން އިން ބަލި ޖެހުނު ދެ މީހުންނަށް ބަލި ޖެހިފައި ވަނީ ގައިންގަޔަށް ކަމަށެވެ. ވުހާން މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީގެ 15 ހެލްތު ވޯކަރުންނަށް ވެސް ބަލިޖެހިފައިވާ ކަމަށެވެ. މީގެ ތެރޭން ކޮރޯނާ ވައިރަސް ޖެހުނު އެކެއްގެ ހާލު ސީރިއަސް ކަމަށް ވެސް ބުނެފައިވެ އެވެ. ބަލިޖެހިފައިވާ އެންމެންނަށް ވެސް ދަނީ ވަކިން ބައިތިއްބައިގެން ފަރުވާދެމުންނެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނީ މެދުތެރޭގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ސިޓީގައި 11 މިލިއަން މީހުން ދިރިއުޅެ އެވެ. ބަލިޖެހިފައިވާ މީހުން ވަނީ ޖަޕާނާއި ތައިލެންޑް އަދި ސައުތު ކޮރެއާ އިން ވެސް ފެނިފަ އެވެ. ބަލިޖެހުނު އެންމެން ވެސް ދާދި ފަހުން ވަނީ ވުހާން ސިޓީ އަށް ދަތުރުކޮށްފަ އެވެ.

ޗައިނާގައި ފެތުރެމުންދާ ވައިރަހާއި ގުޅިގެން ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގް އަދި ޓޯކިޔޯގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ ހުކުރު ދުވަހުން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ. އޮސްޓްރޭލިއާ އިން ވެސް ބުނެފައި ވަނީ ވުހާން އިން ސިޑްނީ އަށް ދަތުރުކުރާ މީހުން ސްކްރީން ކުރަން ފަށާނެ ކަމަށެވެ. ޗައިނާގެ އެއް މިލިއަން މީހުން މިދިޔަ އަހަރު އޮސްޓްރޭލިއާ އަށް ދަތުރުކޮށްފައިވެ އެވެ.

ޗައިނާގައި ފެތުރެމުންދާ ބަލި ޖެހުނު ގިނަ މީހުންނަކީ ސީފުޑާއި ޖަނަވާރު ވިއްކާ މާރުކޭޓްތަކުގައި މަސައްކަތްކުރާ އަދި އެ ތަންތަނަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރި މީހުންނެވެ. ކޮރޯނާ ވައިރަސް ޖެހުން ގުޅިފައިވަނީ ސީފުޑް ނުވަތަ ޖަނަވާރުންގެ ޒަރީއާ އިން އަރާ ޖަރާސީމަކުން ކަމަށް ލަފާކޮށް، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޝައްކުކުރެވޭ އެފަދަ މާރުކޭޓުތައް ޗައިނާގައި ވަނީ ބަންދުުކޮށްފަ އެވެ.