ލަންކާ ހަނގުރާމައިގައި ގެއްލުނު މީހުން ވަނީ މަރުވެފައި: ރައީސް

ކޮލަމްބޯ (ޖެނުއަރީ 21) - ސްރީ ލަންކާގައި ކުރި މަދަނީ ހަނގުރާމައިގައި ގެއްލުނު ކަމަށް ބުނާ 20،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި ކަމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.


ގޯޓާބޭ އެހެން ވިދާޅުވެފައި ވަނީ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރު ހަނާ ސިންގާއާ އެކު ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މިއީ ހަނގުރާމައިގައި ގެއްލުނު މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ބުނި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގެއްލިފައިވާ މީހުން މަރުވެފައިވާ ކަމުގެ މަރު ސެޓްފިކެޓް އާއިލާތަކަށް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ލަންކާގެ ގާނޫނުތައް ބުނާ ގޮތުން މަރުގެ ސެޓްފިކެޓް ނެތް ނަމަ އެ މީހުންގެ މުދަލާއި ބޭންކް އެކައުންޓްތައް އާއިލާގެ އެހެން މީހުންނަށް ވާރުތައެއް ނުވާނެ އެވެ.

ހަނގުރާމައިގައި ގެއްލިފައިވާ މީހުންގެ އާއިލާތަކުން ވަނީ އެ މީހުންގެ އާއިލާގެ މެންބަރުންނަށްވީ ގޮތެއް ސަރުކާރުން ސާފުކޮށްދިނުމަށް އެދި އެތައް އެއްވުންތަކެއް ބާއްވައިފަ އެވެ. ބައެއް މީހުން ދާދި ފަހަކާ ޖެހެންދެން ވެސް އުއްމީދުކޮށްގެން ތިބީ ގެއްލިފައިވާ މީހުން ތިބީ ސަލާމަތީ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ތަމަޅަ ޓައިގަރުންނާ ދެކޮޅަށް 37 އަހަރުވަންދެން ލަންކާ ސިފައިން ކުރި ހަނގުރާމަ ނިމުމަކަށް ގެނައީ މެއި 2009 ގަ އެވެ. ވަކި ދައުލަތެއް އުފެއްދުމަށް ޓައިގަރުން ކުރި ހަނގުރާމައިގައި 100،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ގާތްގަނޑަކަށް 20،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. ގެއްލިފައިވާ ގިނަ މީހުންނަކީ ތަމަޅައިންނެވެ.

ލަންކާ ސަރުކާރުން އޮގަސްޓް 2013 ގައި އުފެއްދި ކޮމިޝަނަކުން ބުނެފައި ވަނީ ހަނގުރާމައިގައި ވަނީ 23،586 މީހުން ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިފައިންގެ 5،000 މީހުން ވެސް ހިމެނެ އެވެ.

ހަނގުރާމަ ނިމުކަކަށް ގެނައީ މިހާރުގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާގެ ރައީސްކަމުގަ އެވެ. އޭރު ޑިފެންސް ސެކްރެޓަރީ އަކީ މިހާރުގެ ރައީސް ގޯޓާބޭ އެވެ.

ހަނގުރައިމައިގެ ފަހު ދުވަސްވަރު ތަމަޅައިންގެ 40،000 މީހުން މަރާފައިވާ ކަމަށް ސަރުކާރު ސިފައިންގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ. ބީބީސީ އަށް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ގޯޓާބޭ ވަނީ ހަނގުރާމައާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެހެން ޖަމާއަތްތަކުން ވަނީ ހަނގުރާމައިގެ ކުށްތައް ބެލުމަށް ޓްރައިބިއުނަލެއް އުފެއްދުމަށް ލަންކާ ސަރުކާރަށް ޕްރެޝަރުކޮށްފަ އެވެ. ނަމަވެސް ލަންކާގެ އެކި ސަރުކާރުތަކުން ބުނެފައި ވަނީ އެއީ ދާޚިލީ ކަމެއް ކަމަށާއި އެކަން ތަހުގީގު ކުރާނީ ލަންކާ އިން އަމިއްލަ އަށް ކަމަށެވެ.

ހަނގުރާމައިގައި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީ ސަރުކާރުން، 2018 ވަނަ އަހަރު ވަނީ "އޮފީސް އޮން މިސިން ޕާސަންސް" ގެ ނަމުގައި އޮފީހެއް އުފައްދައިފަ އެވެ. ލަންކާ ސަރުކާރުން އޮގަސްޓް 2013 ގައި އުފެއްދި ކޮމިޝަނަކުން ބުނެފައި ވަނީ ހަނގުރާމައިގައި ވަނީ 23،586 މީހުން ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިފައިންގެ 5،000 މީހުން ވެސް ހިމެނެ އެވެ.