ޓްރަމްޕުގެ އިމްޕީޗްމަންޓް: ސެނެޓުގައި ދެ ޕާޓީގެ ކޯޅުން

ވޮޝިންޓަން (ޖެނުއަރީ 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި ރޭ ފަށާފައިވާ އިރު ޓްރަމްޕުގެ މައްޗަށް އާ ހެކި ހޯދަން ޑިމޮކްރެޓިކުން ކުރަމުންދާ މަސައްކަތަށް ރިޕަބްލިކަނުން ދެކޮޅު ހަދައިފި އެވެ.


ޝަރީއަތް އަވަސް ކުރުމަށް ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ހުށަހެޅުއްވި ޕްލޭން ވެސް މިހާރު ވަނީ އަނބުރާ ގެންދަވައިފަ އެވެ. އެކަމަށް ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ޓްރަމްޕް އިމްޕީޗް ކުރަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށުގަ އެވެ. ޓްރަމްޕް ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި ފެށިއިރު ވޯލްޑް އިކޮނޮމިކް ފޯރަމަށް ވަޑައިގެން ސްވިޒަލެންޑުގައި ހުންނެވި ޓްރަމްޕް ވިދާޅުވީ އެއީ މަކަރުވެރި ރޭވުމެއް ކަމަށެވެ.

އިމްޕީޗްމަންޓް ޝަރީއަތް ފެށުމުގެ ކުރިން ސެނެޓަރުން ވަނީ އިންސާފުވެރިކަމާ އެކު ޖޫރީންގެ ގޮތުގައި މަސައްކަތް ކުރުމަށް ހުވާކޮށްފަ އެވެ. ޝަރީއަތް ކުރިއަށް ގެންދަނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްގެ ބެއްލެވުމުގެ ދަށުންނެވެ. ޝަރީއަތް ހަފުތާއަކު ހަ ދުވަހު ހަ ގަޑިއިރަށް ކުރިއަށް ގެންދާނެ އެވެ.

ހައުސްގެ އިމްޕީޗްމަންޓް މެނޭޖަރުން ރޭ ސެނެޓުގައި. --ފޮޓޯ:އޭއެފްޕީ

ޝަރީއަތުގެ ފުރަތަމަ ދުވަހު ޑިމޮކްރެޓިކް މެންބަރުން ވަނީ އިތުރު ހެއްކާއި ލިޔުންތައް ހޯދަން ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ޔޫކްރޭންއާ އެކު ޓްރަމްޕް ހިންގެވި މުއާމަލާތްތަކުގެ ފައިލްތައް ހޯދުން ވެސް ހިމެނެ އެވެ. ނަމަވެސް ރިިޕަބްލިކަންގެ އަޣުލަބިއްޔަތު އޮންނަ ސެނެޓުން ވަނީ އެ ހުށަހެޅުންތަކާ ދެކޮޅު ހަދައިފަ އެވެ.

ޑިމޮކްރެޓިކުން ކޮންޓްރޯލް ކުރާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗް ކުރީ މިދިޔަ މަހު އެވެ. ޓްރަމްޕް މަގާމުން ދުރުކުރާނީތޯ ނިންމާނީ ރިޕަބްލިކަން ކޮންޓްރޯލް ކުރާ ސެނެޓުންނެވެ.

ޓްރަމްޕުގެ އިމްޕީޗްމަންޓް މަރުހަލާތައް ފަށާފައި ވަނީ ޔޫކްރޭނުގެ ރައީސް އަށް މިދިޔަ ޖުލައި މަހު ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގަ އެވެ. ޓްރަމްޕް އިމްޕީޗް ކުރަން ހައުސް އިން ފާސްކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވުމާއި ކޮންގްރެސްގެ މަސައްކަތްތަކަށް ހުރަސް އެޅުއްވުމުގެ ކުށުގަ އެވެ.

ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވިކަމުގެ ކުށް، ޖުޑީޝަރީ ކޮމިޓީން ފާސްކޮށް، ހައުސްގެ ތަޅުމަށް ފޮނުވީ، އެމެރިކާގެ ކުރީގެ ނައިބް ރައީސް ބައިޑަންގެ ތަހުގީގެއް ހިންގަން، ޔޫކްރެއިންގެ ރައީސަށް ޕްރެޝަރުކުރެއްވުމާއި، ޔޫކްރެއިން އަށް ދޭން ކޮންގްރެސް އިން ފާސްކުރި 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ، އެ ތަހުގީގުކުރާނެކަން އާންމުކޮށް އިއުލާންކުރެއްވުމުގެ ކުރިން ހިފެހެއްޓެވުމެވެ.

އިމްޕީޗްމަންޓް ޝަރީއަތަށް ފަހު މެޗޯރިޓީ ލީޑަރު މިޗް މެކްކޯނެލް ޗެމްބަރުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ކުށް، އިމްޕީޗްމަންޓްގައި ހިމެނީ، އެ ތަހުގީގަށް ބޭނުންވާ ލިއެކިއުންތަކާއި ހާޒިރުކުރަން ބޭނުންވި ބައެއް ބޭފުޅުން، ކޮންގްރެސްގެ ކޮމިޓީތަކަށް ނުފޮނުއްވުމުންނެވެ.

ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ސެނެޓުގެ 100 މެމްބަރުންގެ ވޯޓުގެ ތިން ބައިކުޅަ ދެ ބައި ޓްރަމްޕާ ދެކޮޅަށް ލައިފި ނަމަ އެވެ. އެކަމަކު ސެނެޓުގައި އޮތީ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތެވެ. ހާއްސަކޮށް ދެ ޕާޓީގެ ހިޔާލު އެހާ ބޮޑަށް ތަފާތުފައިވާ ދަނޑިވަޅެއްގައި ޓްރަމްޕާ ދެކޮޅަށް 67 ވޯޓު ހަމަވުން ވަރަށް ނާދިރެވެ. ސެނެޓްގެ މެޖޯރިޓީ، ރިޕަބްލިކަން ޕާޓީއަށް ލިބެނީ 53 މެމްބަރުންނާ އެކުގަ އެވެ. ޑިމޮކްރެޓިކް ޕާޓީގައި ތިއްބެވީ 45 މެމްބަރުންނެވެ. މިނިވަން ދެ މެމްބަރަކު ތިއްބަވަ އެވެ. އެ ދެ މެމްބަރުން އާންމުކޮށް ވޯޓު ދެއްވަނީ ޑިމޮކްރެޓިކް ޕާޓީން ބޭނުންވާ ގޮތަށެވެ.

އެމެރިކާގެ ތާރީޚުގައި މީގެ ކުރިން އިމްޕީޗްކުރީ ދެ ރައީސެކެވެ. އެއީ 1868 ގައި އެންޑްރޫ ޖޯންސަން އާއި 1998 ގައި ބިލް ކްލިންޓަނެވެ. އެ ދެ ބޭފުޅުން ވެސް ސެނެޓްގެ ޝަރީއަތުން ސަލާމަތްވެވަޑައިގަތެވެ. އެހެންކަމުން ރައީސްގެ މަގާމެއް ނުގެއްލެ އެވެ.

ރިޗަޑް ނިކްސަންއާ ދެކޮޅަށް އިމްޕީޗްމަންޓް ހުށައެޅުމުން، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެވެ. އެއީ އެމެރިކާގެ ތާރީޚުގައި އިސްތިއުފާ ދެއްވި ހަމައެކަނި ރައީސެވެ.