ބަލިޖެހިގެން މަރުވާ މީހުން އިތުރުވާއިރު، އިތުރު ސިޓީތައް ކަރަންޓީން ކުރަނީ

ވިހާން (ޖެނުއަރީ 24) - ޗައިނާގައި މިހާރު ފެތުރެމުންދާ ވައިރަސް ޖެހިގެން އިތުރު މީހުން މަރުވާ އިރު ހުބެއި ޕްރޮވިންސްގެ ގިނަ ސިޓީތަކެއް ކަރަންޓީނު ކޮށްފި އެވެ.


ބަލިޖެހިގެން ޗައިނާގައި މިހާތަނަށް ވަނީ 26 މީހުން މަރުވެފަ އެވެ. ބަލި އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގެ 10 ސިޓީއަކަށް ދަތުރު ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އެ ސިޓީތަކުގެ އާބާދީ 60 މިލިއަނަށް އަރަ އެވެ. ޗައިނާގައި މިހާތަނަށް ވައިރަސް ވަނީ 830 މީހުންނަށް ޖެހިފަ އެވެ.

ފުރަތަމަ ކަރަންޓީން ކޮށްފައި ވަނީ ކޮރޯނާވައިރަސް ޑިސެމްބަރު މަހު ފުރަތަމަ ފެނުނު ހުބެއި ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީ އެވެ. ދެ ވަނަ އަށް ކަރަންޓީނުކޮށްފައި ވަނީ ވުހާންއާ އަވަށްޓެރި ސިޓީއެއް ކަމަށްވާ 7.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހުއާންގްގަން އެވެ. އެ ސިޓީގެ އެއްގަމު ދަތުރު ފަތުރު ކުރުން މަނާކޮށްފައިވާ އިރު ސިނަމާތަކާއި ކެފޭތަކައި މާރުކޭޓްތައް ވެސް ބަންދުކުރަން ވަނީ އަންގައިފަ އެވެ. ވުހާންއާ އަވަށްޓެރި އެހެން ސިޓީއެއް ކަމަށްވާ އެއް މިލިއަން މީހުން ދިރިއުޅޭ އެޒޫގެ ރޭލް ސްޓޭޝަންތައް ވަނީ 12 އިން ފެށިގެން ބަންދުކޮށްފަ އެވެ.

މެދުތެރޭގެ ހުބެއި ޕްރޮވިންސްގެ ޕޯޓް ސިޓީއެއް ކަމަށްވާ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވުހާން އިން އެއްވެސް މީހަކު މުހިންމު ކަމެއްގައި ނޫނީ ނުކުތުން ވަނީ މަނާކޮށްފަ އެވެ. ވުހާންގެ ވައިގެ ދަތުރުތައް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ބަލި ފެތުރޭލެއް ހަލުވިކަމުން، ފަރުވާ ދިނުމަށް ޓަކައި ވުހާންގައި މިހާރު ދަނީ 1،000 އެނދުގެ ހޮސްޕިޓަލެއް ހަދަމުންނެވެ. ޗަންގްޖިއަން ޑެއިލީ ނޫހުން ބުނި ގޮތުގައި ފެބްރުއަރީ 3 ވަނަ ދުވަހު ހޮސްޕިޓަލުގެ މަސައްކަތް ނިންމާނެ އެވެ.

ޗައިނާގެ ސިޓީތައް ކަރަންޓީނު ކުރަމުންދާއިރު ޗައިނީޒް އާ އަހަރު މިއަދު ވަނީ ފަށައިފަ އެވެ.

ޗައިނާ އިން ފެނު ވައިރަސް ވަނީ އެމެރިކާ އާއި ޖަޕާން، ތައިލެންޑް އަދި ސައުތު ކޮރެއާ އިން ވެސް ފެނިފަ އެވެ. ބަލި އެންމެ ފަހުން ފެނިފައި ވަނީ ސިންގަޕޫރާއި ވިއެޓްނާމުންނެވެ.