ޓްރަމްޕް އިމްޕީޗްމަންޓް: މެންބަރުން ތާއްޔާޖެހި، ގޭމްކުޅުމުގައި

ވޮޝިންޓަން (ޖެނުއަރީ 25) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ފެނޭތޯ ބަލަން ސެނެޓުގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތުގައި މެންބަރުންގެ ފަރާތުން ވަރަށް ބޮޑު ފޫހިކަމެއް ފެންނަން ފަށައިފި އެވެ.


ހަފުތާއަކު ހަ ދުވަހު ދުވާލަކު ހަގަޑިއިރު ޝަރީއަތް ކުރިއަށް ގެންދާއިރު ޖޫރީންގެ ގޮތުގައި ޗެމްބަރުގައި ތިބޭ ސެނެޓުގެ މެމްބަރުންނަށް އޮތީ ދެ ފަރާތުގެ ވަކީލުންގެ ވާހަކަތައް އަޑުއެހުމެވެ. ޝަރީއަތުގެ އަޑުއެހުންތައް ދިގުލައިގެން ދިއުމުން ބައެއް މެމްބަރުންގެ ފޫހިކަން ހާމަވެގެންދިޔަ އެއްކަމަކީ އެ މެންބަރުން ތާއްޔާޖެހިޖެހި ތިބުމެވެ. އަނެއް ބައި މެންބަރުން ތިބެނީ ކްރޮސްވޯޑް ޕަޒްލް އާއި ފިޖެޓް ސްޕިނާ ކުޅުމުގަ އެވެ. ބައެއް މެންބަރުން ތިބެނީ ފޮތް ކިޔުމުގަ އެވެ. އަދި ކަރުދާހުން ހަދާފައިވާ މަތިންދާ ބޯޓެއް ވެސް ސެނެޓަރުންގެ އަތުން ވަނީ ފެނިފަ އެވެ. އެހެންވެ ސެނެޓުގެ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ބައެއް މެންބަރުން ސެނެޓުގައި އުޅޭ ގޮތް އެމެރިކާގެ މީޑިއާތަކުން ސިފަކޮށްފައި ވަނީ ސްކޫލެއްގައި ފޫހިވެގެން އުޅޭ ކުދިންތަކެއްގެ ގޮތުގަ އެވެ.

އިމްޕީޗްމަންޓް ޝަރީއަތުގައި ބާނީ ސެންޑާސް (މ) އާއި ބައެއް އެހެން މެންބަރުން ޗެމްބަރުގައި ތިއްބެވި ކުރެހުމެއް. --ފޮޓޯ:އޭޕީ

ސެނެޓުގެ އާދައިގެ އަޑުއެހެންތަކުގައި ފޯނާއި ލެޕްޓޮޕް އަދި ޓެބްލެޓް ވެއްދުން ހުއްދަ އެވެ. ނަމަވެސް އިމްޕީޗްމަންޓް ޝަރީއަތުގައި އިލެކްޓޯނިކް އާލާތްތައް ވެއްދުން ވަނީ މަނާކޮށްފަ އެވެ.

ސެނެޓުގެ ޝަރީއަތަށް ޗެމްބަރަށް ނޫސްވެރިން ވަނުން ވެސް އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. އެހެންވެ މެންބަރުންގެ ހަރަކާތްތައް ކެމެރާތަކަށް ނެގުމުގެ ފުރުސަތު ވެސް ވަނީ ކުޑަވެފަ އެވެ.

ގަވާއިދު އޮންނަ ގޮތުން އިމްޕީޗްމަންޓް ޝަރީއަތުގައި މެންބަރުން ތިބެން ޖެހޭނީ އިށީނދެ އެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އޮތް ޝަރީއަތުގައި ވެސް ޑިމޮކްރެޓިކް ނުވަ މެންބަރުންނާއި ރިޕަބްލިކަން 22 މެންބަރުން ވަނީ އެކި ފަހަރު މަތިން ގޮނޑިން ތެދުވެގެން އެކި ތަންތަނަށް ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީން ރިޔާސީ ރޭހަށް ނުކުމެވަޑައިގެންފައިވާ ބާނީ ސެންޑާސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.