ރަނިން މޭޓުންގެ ބަހުސް ޓްރަމްޕުގެ ޓެކްސްގެ މައްސަލަ އަށް

ވާޖީނިއާ (އޮކްޓޯބަރު 5) - އެމެރިކާގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނައިބުންގެ ބަހުސްގައި ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ޓެކްސްގެ މައްސަލަ އަށް ބޮޑު ސަމާލުކަމެއް ދީފި އެވެ.


ރިޕަބްލިކަން ޕާޓީގެ ރަނިން މޭޓް މައިކް ޕެންސާއި ޑިމޮކްރެޓިކް ރަނިން މޭޓް ޓިމް ކޭންގެ ބަހުސްގައި އިންޑިއާނާ ސްޓޭޓުގެ ގަވަރުނަރު ޕެންސް ވިދާޅުވީ ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް ޓެކްސް ކޯޑުގެ ދަށުން ސަލާމަތްވީ އޭނާގެ ވިސްނުން ތޫނުކަމާ ސްމާޓްކަމުން ކަމަށެވެ. ރައްދުގައި ވާޖީނިއާގެ ސެނޭޓާ ކޭން ވަނީ ގައުމުގެ އަސްކަރިއްޔާ އަށާއި ސްކޫލްތައް ހިންގަން ދޭން ޖެހޭ ފައިސާ ނުދިނުމަކީ ސްމާޓްވުންތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ޓެކްސް ދައްކާ އެންމެންނަކީ މޮޔައިންތޯ މައިކް ވަނީ އައްސަވައިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނައިބް ރައީސުންގެ ބަހުސްގައި މައިކް ޕެންސް (ކ) އާއި ޓިމް ކޭން ބަހުގެ ހަމަލާތައް ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕުގެ ޓެކްސް މައްސަލަ ބޮޑުވެފައި ވަނީ ޓެކްސް ބަޔާން އާއްމު ކުރައްވާފައި ނުވާތީ އެވެ. ނިއު ޔޯކް ޓައިމްސްގައި ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވަނީ 1995 ވަނަ އަހަރު ޓްރަމްޕުގެ ވިޔަފާރިން 900 މިިލިއަން ޑޮލަރުގެ ގެއްލުންވުމުން 18 އަހަރު ވަންދެން ޓެކްސް ދެއްކުމުން އޭނާ ސަލާމަތްވެފައިވާ ކަމަށެވެ.

ޓްރަމްޕުގެ ޓެކްސް މައްސަލާގައި 57 އަހަރުގެ ކޭން ހަމަލާތައް ރައްދު ކުރައްވަން ފެއްޓުމުން ޕެންސް ވަނީ ޚާރިޖީ ވަޒީރުކަމުގައި ހިލަރީގެ އަމިއްލަ އީމެއިލް ސާވާ ބޭނުން ކުރެއްވި މައްސަލާ އާއި އެކަމަނާގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ކެމްޕޭނުގައި އަންހެނުންނާއި ހަނގުރާމައިގެ އަސީރުންނަށް އިހާނެތި ބަސްތައް ރައްދުކޮށްފައިވާ މައްސަލަ ކޭން ނެންގެވުމުން ޕެންސް ވިދާޅުވީ ޓްރަމްޕުގެ ބަހުގެ ހަމަލާތައް ރައްދުކުރި އެމެރިކާ މީހުންގެ އަދަދު ހިލަރީ އަށް ވުރެ މަދުވާނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނައިބް ރައީސުންގެ ބަހުސްގައި މައިކް ޕެންސް (ވ) އާއި ޓިމް ކޭން ބަހުގެ ހަމަލާތައް ދެއްވަނީ: ބަހުސް މޮޑަރޭޓް ކުރީ އެމެރިކާ- އޭޝިއާ ދަރިކޮޅުގެ ސީބީއެސް ނިއުސްގެ ޕްރެޒެންޓަރެއް. --ފޮޓޯ:އޭއެފްޕީ

ބަހުސްގައި ވަނީ ޚާރިޖީ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް އަލިއަޅުވާލައިފަ އެވެ. ޕެންސް ވިދާޅުވީ ރައީސް ބަރަކް އޮބާމާ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އޮތް ހާލަތަށް ވުރެ އެމެރިކާ މިހާރު މާބޮޑަށް ނުރައްކާ ކަމަށެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) އުފެދުމުގެ ޒިންމާ އުފުލަން ޖެހޭނީ އޮބާމާ އާއި ހިލަރީ ކަމަށް ވިދާޅުވި އެވެ.

ނައިބް ރައީސުންގެ ބަހުސް މޮޑަރޭޓް ކުރީ ސީބީއެސް ނިއުސްގެ އެލައިން ކުއިހާނޯ އެވެ. މިއީ ރިޔާސީ ބަހުސެއް އެމެރިކާ-އޭޝިއާ ދަރިކޮޅުގެ މީހަކު މޮޑަރޭޓްކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި ބޭއްވި ހިލަރީ އާއި ޓްރަމްޕުގެ ބަހުސް ވަނީ އެމެރިކާގައި 84 މިލިއަން މީހުން ބަލައިފަ އެވެ.