ކޮރޯނާވައިރަސް: ބަލީގެ އަލާމަތްތައް ފެނުމުގެ ކުރިން ވެސް ބަލި ފެތުރޭ

ބެއިޖިން (ޖެނުއަރީ 26) - ޗައިނާގައި ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ އަލާމާތްތައް ފެނުމުގެ ކުރިން ވެސް އެ ބަލި ފެތުރޭ ކަމަށް ޗައިނާގެ އޮފިޝަލުން ބުނެފި އެވެ.


ކޮރޯނާވައިރަހުގައި ޗައިނާ އިން މިހާތަނަށް ވަނީ 56 މީހުން މަރުވެފަ އެވެ. އަދި އެ ބަލި ވަނީ 2،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗައިނާގެ ހެލްތު މިނިސްޓަރު މާ ޒިއާއޯވެއި ވިދާޅުވީ ވައިރަސް ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުން މިހާރު އޮތީ ނާޒުކް ހާލަތެއްގައި ކަމަށެވެ.

ހަލުވިކަމާ އެކު ވައިރަސް ފެތުރެމުންދާތީ ޗައިނާގެ ވަރަށް ގިނަ ސިޓީތައް މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ. ބަންދުކުރި ސިޓީތަކުގައި ދިރިއުޅޭ މީހުންގެ އަދަދު 56 މިލިއަނަށް އަރަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާގެ ސިޓީތައް ބަންދުކުރަމުންދަނީ އާ އަހަރާ އެކު އެތައް ބަޔަކު އެއްތަނުން އެނެއް ތަނަށް ދަތުރު ކުރަން ހަމަޖެހިފައި ވަނިކޮށެވެ.

ޗައިނާ އިން މިހާރު ވަނީ މިއަދުން ފެށިގެން ޖަނަވާރުގެ ބާވަތްތައް ވިއްކުން މަނާކޮށްފަ އެވެ. މި ބަލި ފުރަތަމަ ފެތުރުނީ ޖަނަވާރުންގެ ކިބައިން ކަމަށް ވިޔަސް މިހާރު ބަލި ދަނީ އިންސާނުންގެ ގައިންގަޔަށް ފެތުރެމުންނެވެ.

ބަލިޖެހި އަލާމާތެއް ނުފެނިދާ 14 ދުވަހުގެ ތެރޭގައި ވެސް ބަލި ފެތުރޭ ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ. އެ މުއްދަތުގައި ބަލީގެ އަލާމާތެއް ނުފެންނާތީ ބަލި ޖެހިފައި ހުރި ކަމެއް ނޭނގޭ އެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ހިކިކޮށް ކެއްސުމާއި ނޭވާ ކުރުވުން ހިމެނެ އެވެ. މި ބައްޔަށް އެއްވެސް ފަރުވާއެއް އަދި ވެކްސިނެއް އަދި ހޯދިފައެއް ނުވެ އެވެ.