450 އަސްކަރީ މެޑިކަލް ސްޓާފުން ވޫހާން އަށް

ވޫހާން (ޖެނުއަރީ 26) - ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ޗައިނާގެ މެދުތެރޭގެ ވޫހާން ސިޓީ އަށް 450 އަސްކަރީ މެޑިކަލް ސްޓާފުން ފޮނުވައިފި އެވެ.


މީގެ ތެރޭން ބައެއް މީހުންނަކީ ސާސް ނުވަތަ އެބޯލާ ބައްޔަށް ފަރުވާ ދިނުމުގައި ތަޖްރިބާ ލިބިފައިވާ މީހުން ކަމަށް ޗައިނާގެ ސިއްހީ އޮފިޝަލުން ބުނެ އެވެ. ޒިންހުއާ ނިއުސް އެޖެންސީން ބުނީ ވޫހާން އަށް ފޮނުވި އަސްކަރީ މެޑިކަލް ސްޓާފުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮރޯނާވައިރަސް ޖެހިފައި ތިބި މީހުން އެންމެ ގިނަ ހޮސްޕިޓަލްތަކުގައި ކަމަށެވެ.

ޒިންހުއާ އިން ބުނީ އަސްކަރީ ޓީމުގައި ރެސްޕިރޭޓަރީ ހެލްތުގެ ތަޖްރިބާކާރުންނާއި ހޮސްޕިޓަލްތަކުގައި އިންފެކްޝަން ކޮންޓްރޯލް ތަޖްރިބާކާރުން ހިމެނޭ ކަމަށެވެ.

ބަލިޖެހޭ މީހުން އިތުރުވަމުންދާތީ ވޫހާންގެ ހޮސްޕިޓަލްތައް ފުރި ފާމަސީތަކުން ދަނީ ބޭސް ހުސްވަމުންނެވެ. އެހެންވެ ވޫހާންގައި މިހާރު ވަނީ ހަ ދުވަސްތެރޭ 1،000 އެނދުހގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރޭ ހުބެއި ޕްރޮވިންސްގެ ގިނަ ސިޓީތަކެއް މިހާރު ވަނީ ކަރަންޓީން ކޮށްފަ އެވެ. ޗައިނާގައި މިހާތަނަށް ވަނީ އެ ބަލީގައި 56 މީހުން މަރުވެފަ އެވެ. އަދި 2،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފަ އެވެ.