ޗައިނާ ޓޫރިސްޓުންނަށް ވިސާ ދިނުން ލަންކާ އިން ކޮންޓްރޯލްކޮށްފި

ކޮލަމްބޯ (ޖެނުއަރީ 28) - ޗައިނާގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހާ ގުޅިގެން އެ ގައުމުން ސްރީ ލަންކާ އަށް ދަތުރުކުރާ ޓޫރިސްޓުންނަށް ވިސާ ދިނުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފި އެވެ.


ހެލްތު މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ ވިދާޅުވީ އެ ފިޔަވަޅު އެޅީ ލަންކާގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަހުން ރައްކާތެރިވުމާ ގުޅޭ ގޮތުން ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ ކަމާބެހޭ ދާއިރާތަކުގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ފިޔަވަޅުތައް އެޅުމަށް ގޯޓާބޭ ވަނީ ޚާއްސަ ކޮމިޓީއެއް އުފައްދަވައިފަ އެވެ. ޗައިނާ ޓޫރިސްޓުންނަށް ވިސާ ދޫކުރުން ކޮންޓްރޯލް ކުރީ އެ ކޮމިޓީންނެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ޗައިނާ ޓޫރިސްޓުނަށް ވިސާ ދޫކުރާނީ އެއީ ކޮން ޕްރޮވިންސަކުން ދަތުރުކުރި މީހެއްތޯ ބެލުމަށް ފަހު ކަމަށެވެ.

ޗައިނާގެ ޓޫރިސްޓުންނަށް ލަންކާ އިން އޮންލައިންކޮށް ކުރިން ވިސާ ދޫކުރެ އެވެ. ނަމަވެސް މިހާރު ވަނީ އެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ޗައިނާ އަކީ ލަންކާގެ އެންމެ ބޮޑު އެއް ޓޫރިސްޓް މާކެޓެވެ.

ލަންކާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ޗައިނާ ޓޫރިސްޓުންނަށް ވިސާ ދޫކުރުން ކޮންޓްރޯލްކޮށް އަނެއް ބައި ގައުމުތަކުގައި ޗައިނާ މީހުންނަށް ވިސާ ދިނުން ހުއްޓާލައިފަ އެވެ.

ކޮރޯނާވައިރަސް ޖެހިފައި ހުރި މީހަކު ލަންކާ އިން އިއްޔެ ވަނީ ފެނިފަ އެވެ. އެއީ ހުބެއި ޕްރޮވިންސުން ލަންކާ އަށް ދަތުރުކުރި 43 އަހަރުގެ އަންހެނެކެވެ. އޭނާ އަށް ދަނީ އަންގޮޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން މަރުވެފައިވާ އިރު ބަލި ވަނީ 4،515 މީހުންނަށް ޖެހިފަ އެވެ.