ވޫހާން ކޮރޯނާވައިރަސް ޖެހުނު މީހުން 30 ގުނަ އިތުރުވާނެ

ހޮން ކޮން (ޖެނުއަރީ 28) - ޗައިނާގައި މިހާރު ފެތުރެމުންދާ ވޫހާން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ރަސްމީ އަދަދަށް ވުރެ 30 ގުނަ އިތުރުވާނެ ކަމަށް ހޮން ކޮންގެ ސައެންސްވެރިއަކު ވިދާޅުވެއްޖެ އެވެ.


ޔުނިވާސިޓީ އޮފް ހޮން ކޮންގެ ފެކަލްޓީ އޮފް މެޑިސިންގެ ޕަބްލިކް ހެލްތު މެޑިސިންގެ ޗެއާ އަދި ޕްރޮފެސަރު ގަބްރިއަލް ލިއުންގް ވިދާޅުވީ އޭނާގެ ޓީމުން ތައްޔާރު ކުރި ރިސާޗް މޮޑެލް އިން ދައްކާ ގޮތުގައި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގައި އެކަނި ވެސް ވައިރަސްގެ އަސަރުކޮށްފައިވާ 44،000 މީހުން ތިބޭނެ ކަމަށެވެ.

ޗައިނާގެ ރަސްމީ ފަރާތްތަކުން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް އެ ބަލި ޖެހިފައި ވަނީ 4،515 މީހުންނަށް ކަމަށެވެ. ބަލީގައި ވަނީ 106 މީހުން މަރުވެފަ އެވެ.

ހޮން ކޮން ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޕަބްލިކް ހެލްތު މެޑިސިންގެ ޗެއާ އަދި ޕްރޮފެސަރު ގަބްރިއަލް ލިއުންގް ކޮރޯނާވައިރަހާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

ލިއުންގްގެ މޮޑެލް އިން ދައްކާ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާގައި ވައިރަހުގެ ނިޝާންތައް ފެންނަ މީހުންގެ އަދަދު 25،000 އަށް އަރާނެ އެވެ. އަދި ބާކީ ތިބީ ވައިރަހުގެ އަސަރުކޮށް، އެކަމަކު ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށް ބުނެފައިވެ އެވެ.

ލިއުންގް ވިދާޅުވީ ޗައިނާގައި އެޅި ފިޔަވަޅުތައް ކަމަށްވާ ސިޓީތައް ކަރަންޓީނު ކުރުމާއި އާއްމު އެއްވުންތައް ކެންސަލް ކުރުމާއި ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރުމުން ވައިރަސް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ވާނެ އެވެ. އެހެން ނޫން ނަމަ ކޮންމެ ހަ ދުވަހަކުން އަދަދު ޑަބަލް ވާނެ ކަމަށް އޭނާ ވިދާާޅުވި އެވެ.

ހޮން ކޮން ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންގެ ޕަބްލިކް ހެލްތު މެޑިސިންގެ ޗެއާ އަދި ޕްރޮފެސަރު ގަބްރިއަލް ލިއުންގް ކޮރޯނާވައިރަހާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ލިއުންގް ވިދާޅުވީ އޭނާގެ މޮޑެލް އިން ދައްކާ ގޮތުގައި އެޕްރީލް އަދި މެއި މަހާ ހަމައަށް ދާއިރު ވެސް ޗައިނާގެ ބޮޑެތި ސިޓީތަކުގައި ބަލި އިތުރުވާނެ އެވެ. ލިއުންގްގެ ރިސާޗް ވަނީ ޗައިނާ އާއި ހޮން ކޮންގުގެ ކަމާބެހޭ ފަރާތްތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ފޮނުވައިފަ އެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނީ މިހާރު ފެތުރޭ ވައިރަހަކީ ޗައިނާގެ ޑޮމެސްޓިކް އިމަޖެންސީއެއް ކަމަށާއި އެއީ ދުނިޔޭގެ ހެލްތު އިމަޖެންސީއެއްގެ ގޮތުގައި އަދި ނުބަލާ ކަމަށެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ރިސާޗަރުން ވެސް ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ރަސްމީ އަދަދަށް ވުރެ މާބޮޑުތަން އިތުރުވާނެ އެވެ.