ބޮޑު ކާމިޔާބީއެއް؛ އޮސްޓްރޭލިއާގެ ސައިންސްވެރިން ކޮރޯނާ ވައިރަސް އަމިއްލަ އަށް އުފައްދައިފި

ޗައިނާގެ ވޫހާން އިން އުފަންވެ މުޅި ދުނިޔެ އަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް، އޮސްޓްރޭލިއާގެ ސައިންސްވެރިން އަމިއްލަ އަށް އުފައްދައިފި އެވެ.


މިހާތަނަށް ހައެއްކަ ހާސް މީހުންނަށް ވައިރަސް އަރައި އޭގެ ތެރެއިން 132 މީހަކު މަރުވެފައި ވާއިރު، ސައިންސްވެރިންގެ މި ކާމިޔާބީ އަކީ ބައްޔާ ދެކޮޅަށް ވެކްސިން އުފައްދައި ފަރުވާއެއް ހޯދަމުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޗައިނާގެ ސައިންސްވެރިން ވެސް ވަނީ ވައިރަސް އަމިއްލަ އަށް އުފައްދައި ވެކްސިނެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ޗައިނާގެ ސައިންސްވެރިން ވައިރަހުގެ ޖީނޯމް ސީކްއެންސް އެހެން ސައިންސްވެރިންނާ ހިއްސާކުރި ނަމަވެސް ވައިރަސްއެއް ނުދެ އެވެ. އޮސްޓްރޭލިއާގެ ސައިންސްވެރިން ބުނީ އެ މީހުން އުފެއްދި ވައިރަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އާ ހިއްސާކުރާނެ ކަމަށެވެ. އެއީ ބައްޔަށް ވެކްސިނެއް ހޯދަން ކުރާ މަސައްކަތް ހަލުވިކުރުމުގެ ގޮތުންނެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ހާއްސަ ލެބެއްގައި މަސައްކަތްކުރާ ރިސާޗަރުން ވިދާޅުވީ ކޮރޯނާ ވައިރަހުގެ ކޮޕީއެއް އުފެއްދީ ވައިރަސް ހުރި މީހެއްގެ ސާމްޕަލުން ކަމަށެވެ.

"އަޅުގަނޑުމެން މިފަދަ ހާދިސާއަކަށް ތައްޔާރުވަމުން އަންނަތާ އެތައް އެތައް އަަހަރެއް ވެއްޖެ. މި ކަމުގައި މިހާ އަވަހަށް ޖަވާބެއް މި ދެވުނީ އެ ސަބަބާ ހެދި،" ޕީޓަ ޑޮހާޓީ އިންސްޓިޓިއުޓް ފޯ އިންފެކްޝަން އެންޑް އިމިއުނިޓީގެ ޑރ. މައިކް ކޭޓަން ވިދާޅުވި އެވެ.

ޑޮކްޓަރުން ވިދާޅުވީ ވައިރަސް އަމިއްލަ އަށް އުފެއްދުމުގެ ގާބިލްކަން ހޯދުމުން ހުރިހާ ކަމެއް ވެސް ބަދަލުވާނެ ކަމަށެވެ. ބައްޔާ ދެކޮޅަށް ވެކްސިނާއި ބޭސް ހެދުމާއި އެ ޓެސްޓްކުރުން ދެން ވަރަށް ފަސޭހަވާނެ އެވެ.

ޗައިނާގެ ސައިންސްވެރިން ބުނެފައިވާ ގޮތުގައި އާދައިގެ އަރިދަފުސް ރޯގާއެއް ގޮތަށް ޖެހޭ މި ބަލީގެ ވައިރަސް ހަށިގަނޑަށް ވަދެ ބަލީގެ އަލާމާތެއް ނުފެނި ހުންނަ "އިންކިއުބޭޝަން" މުއްދަތުގައި ވެސް އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭ ކަމަށެވެ. ނަމަވެސް ޑަބްލިޔު.އެޗް.އޯ އިން ވަނީ މިކަން ކަށަވަރުނުވާ ކަމަށް ބުނެފަ އެވެ. އެކަމަކު އިންކިއުބޭޝަން ޕީރިއަޑްގައި ދިހަ ވަރަކަށް ދުވަސް ހޭދަވާ ކަމަށް ވަނީ ބުނެފަ އެވެ.

ނޭވާލާ ނިޒާމު ހަލާކުކޮށްލައި ކިޑްނީ އަށް ވެސް ގެއްލުން ދޭ އާ ވައިރަސް ޗައިނާގައި ކޮންޓްރޯލް ނުވެ މިހާތަނަށް 16 ގައުމަކުން ވަނީ ފެނިފަ އެވެ. ޗައިނާ އިން ވަނީ އެ ގައުމުގައި އެންމެ ބޮޑަށް މި ބަލި ފެތުރޭ ސަރަހައްދުތައް ކަރަންޓީނުކޮށްފަ އެވެ. އެހެން ގައުމުތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.