ޕާކިސްތާން ބަލިކޮށްލަން ބޭނުންވާނީ 10 ދުވަސް: މޯދީ

ނިއު ދިއްލީ (ޖެނުއަރީ 30) - ޕާކިސްތާން ބަލިކޮށްލަން އިންޑިއާ އަށް 10 ދުވަސް ވެސް ނުނަގާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.


"ޕާކިސްތާން ވަނީ މިހާތަނަށް ތިން ހަނގުރާމައަކުން ބަލިވެފައި. ޕާކިސްތާން ބަލިކޮށްލަން އިންޑިއާ ސިފައިންނަށް ބޭނުންވާނީ 7-10 ދުވަސް،" ބޭސްބޯޅަ ކެޕެއް އަޅުއްވައިގެން ހުންނަވައި، ސިފައިންނާ ބައްދަލު ކުރައްވައި މޯދީ ދެއްވި ތަގްރީރެއްގައި ވިދާޅުވި އެވެ.

ރައްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާތައް އިތުރުވުމާއި އިގްތިސާދު ދަށަށް ދިއުމުން މޯދީގެ ސަރުކާރަށް މި ދުވަސްވަރު ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ދެކުނު އޭޝިއާގެ ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ވަނީ ތިން ހަނގުރާމަކޮށްފަ އެވެ. އަދި ކަޝްމީރުގައި ތިބޭ އިންޑިއާ ސިފައިންނަށް ދިން ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ މެދުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ކުރިމަތިލުންތަކެއް ހިންގައިފަ އެވެ.

މޯދީގެ ވާހަކަތައް ޕާކިސްތާނުން ވަނީ ކުށްވެރިކޮށްފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވަނީ 1947، 1965 އަދި 1971 ގައި ހަނގުރާމަކޮށްފަ އެވެ. ދެ ގައުމުން ވަނީ 1999 ގައި ވެސް ތަޅާފޮޅުމަކަށް ގޮސްފަ އެވެ.